މަގުމަތީގެ އެކްސިޑެންޓް

ބުރިޖުގައި ރޭ އެކްސިޑެންޓު ހިނގީ ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ވެހިކަލުތަކެއްގައި ޖިޕެއް ޖެހިގެން!

ސިނަމާލެ ބުރިޖުގައި ރޭ އެކްސިޑެންޓު ހިނގާފައިވަނީ ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ވެހިކަލުތަކެއްގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ޖިޕެއް ޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ގިނަ ވެހިކަލުތަކެއްގައި ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބުރިޖު މަތިން ބާރު ސްޕީޑުގައި ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހިގެން ކަމަށާއި އެ ޖިޕް ދުއްވަން އިނީ ބަންގުލަދޭޝްގެ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި ޖިޕްގެ ޑްރައިވަރަށް އަދިވެސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ވެހިކަލްތަކަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ހިމެނޭ ވެހިކަލްތައް ދުއްވާފައިވަނީ ލައިސަންސް އޮންނަ މީހުން ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.