މާލެއިން ފުރައިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މާލެއިން ފުރައިގެން އަނަންތަރާއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ "ފަހި 3" ނަމަކަށް ކިޔާ 85 ފޫޓުގެ އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)އަށް ލިބިފައިވަނީ މިރޭ 10:51 ހާއިރު ކަމަށެވެ.
އެ ދޯންނަށް އެހީތެރިވުމުގެ ގޮތުން މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓު ގާޑް ސްކޮޑްރޮންގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ދޯނި ފަރަށް އެރި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީންނާއެކު ޖުމްލަ ތިން މީހުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.