ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ލ. ގަން، ފޮނަދޫ އަދި ހިތަދުއަށް ރައީސް ސޯލިހު ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލ. ގަމަށެވެ. ގަމަށް ވަޑައިގެން އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން އެމަނިކުފާނު ވަނީ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލުކަމުގައިވާ ހިތަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ހިތަދޫގެ ތަރައްގީއަށް ރޭވިފައިވާ މުހިންމު މަޝްރޫއުތައް އަދި ރަށުގެ ރައްޔިތުންގެ ހުރި މުހިންމު ކަންބޮޑުވުންތަކާ ބެހޭގޮތުން ކައުންސިލަރުން އެމަނިކުފާނަށް މައުލޫމާތު އެރުވިއެވެ. ރައީސް ހިތަދުއަށް ކުރެއްވި މި ޒިޔާރަތުގައި، ހިތަދޫ ސިއްހީ މަރުކަޒުގައި ހިދުމަތް ދޭންފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ލ. ފޮނަދުއަށެވެ. ފޮނަދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފޮނަދޫގެ ތަރައްގީއަށް މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފައެވެ. ރައީސް ހައްދުންމަތީގެ ތިން ރަށަކަށް ކުރެއްވި މި ދަތުރުފުޅުގައި ލ އަތޮޅުގެ މަސްވެރިންނާ ބައްދަލުކުރައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ވަނީ އޮޅުންފިލުއްވައިފައެވެ.