ޚަބަރު

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީ އިންތިހާބުގެ ދާއިރާތަކުގެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު ވެސް އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީ ނުވަތަ ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކޮންމެ ސިޓީއެއް ނުވަތަ ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިހާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި އެ ރިޕޯޓަށް ޝަކުވާ ހުށަހަޅާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށާއި އަދި އެ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected] ) އަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ޔަގީން ވާނެއެވެ. އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ.

މި އަދަދަކީ ރަށު ކައުންސިލުތަކުގެ ރައީސުންގެ ގޮތުގައި އިންތިހާބު ކުރަންޖެހޭ 179 މީހުންނާއި ތިން ސިޓީގެ މޭޔަރުންގެ ގޮތުގައި އިންތިހާބުކުރަންޖެހޭ މީހުން ހިމަނައިގެންނެވެ.

ކައުންސިލުތަކުގެ ރައީސުންގެ ގޮތުގައި އިންތިހާބުކުރާ މީހުން ނުހިމަނައި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް 372 މީހުން އިންތިހާބު ކުރާނެއެވެ. އެެ އަދަދުގެ ތެރެއިން ކައުންސިލުތަކަށް އިންތިހާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ ވެސް 372 އެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުން ނުހިމަނައި ސިޓީ ކައުންސިލަރުންގެ ގޮތުގައި 24 މީހުން އިންތިހާބު ކުރާއިރު، އަންހެން ކައުންސިލަރުންގެ ގޮތުގައި ސިޓީތަކަށް އިންތިހާބުކުރާނީ 12 ކަނބަލުންނެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލުތަކުން އަންހެނުންނަށް 384 ގޮނޑި ޔަގީންވާނެއެވެ.

ކައުންސިލްތަކުން ފުރަތަމަ ފަހަރަށް އަންހެނުންނަށް ގޮނޑިތަކެއް ޔަގީންވެފައިވަނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެނުންނަށެވެ. އަދި 3،000 އަށްވުރެ މީހުން ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ތިން މީހުން ވާންޖެހޭނީ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވާއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް ދިހަ މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ރަށެއްގައި ނަމަ، އިންތިހާބުކުރާނީ ފަސް މެމްބަރުންނެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، ހަ މެމްބަރުންނެވެ. ސިޓީގެ އާބާދީއަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، ދިހަ މެމްބަރުންނެވެ. އަދި ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 60،000 މީހުންނަށްވުރެ އިތުރު އަދަދެއް ނަމަ، 18 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު 2020ގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ދާއިރާ ގޮނޑިތައް ބެހޭނެ ގޮތް ކަނޑައަޅައިފައެވެ.

މި ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ދައިރާތައް ކަނޑައަޅައި އެ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ހިއްސާކޮށްފައެވެ. އަދި މި ރިޕޯޓު ފައިނަލް ކުރާނީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހު ލިބޭ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަނުން އެކުލަވާލި ރިޕޯޓުގައި ވިލިމާލެ އާއި ހުޅުމާލެ ވަނީ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މާލެ ހަ އަވަށަކަށް ބަހާލައިގެން ކޮންމެ އަވަށަކުން ތިން ދާއިރާ ހިމެނޭ ގޮތަށް މާލޭގެ ގޮނޑިތައް ބަހާލާފައިވެއެވެ. އަދި އޭގެ ތެރެއިން ކޮންމެ އަވަށަކުން އެއް ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. އެއީ މާލެ ސިޓީ ކައުންސިލަށް ޖުމްލަ 18 ދާއިރާއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވަނީ ޖުމްލަ 12 ދާއިރާއެކެވެ. އެއީ ހިތަދޫއިން ފަސް ދާއިރާ، ހުޅުމީދޫ އިން ތިން ދާއިރާ، ފޭދޫއިން ދެ ދާއިރާ އަދި މަރަދޫ އާއި މަރަދޫފޭދޫ އިން އެއް ދާއިރާއެވެ. އައްޑޫގައި އަންހެނުންނަށް ވަކި ގޮނޑި ހާއްސަ ކުރަން ނިންމާފައިވަނީ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫއިން އެއް ގޮނޑިއެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ހަމަޖައްސާފައިވެއެވެ.

ފުވައްމުލަކުގައި ދާއިރާ ކަނޑައަޅާފައިވަނީ ދެ އަވަށަކަށް ބަހާލައިގެންނެވެ. އެއީ ކޮންމެ އަވަށަކަށް ތިން ދާއިރާއެވެ. ފުވައްމުލަކުގައި ޖުމްލަ ހަ ދާއިރާ ކަނޑައަޅަފައިވާ އިރު އޭގެ ތެރެއިން ކޮންމެ އަވަށަކުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އިލެކްޝަނުން ވަނީ ނިންމައިފައެވެ.