ބުރިޖުން މާލެއަށް އައިސް ފައިބާ ތަނުގައި ކާރުތަކަކާއި ސައިކަލުތަކެއް ޖެހި ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ދޭ ދަންވަރު 1:30 އެހާއިރު އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓު ހިނގީ ބުރިޖު ނިމޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގަށް އަޅަން، ދުއްވި ކާރުތަކަކާއި ސައިކަލުތަކެއް ޖެހިގެންނެވެ.
މި ހާދިސާއާ ގުޅިގެން އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް ބޭފުޅެއް ކަމަށްވާ، މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރު، ޝަމާއު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ އޭނާގެ ހަޔާތުގައި ދެކިވަޑައިގެންނެވި އެންމެ ނުރައްކާތެރި އެކްސިޑެންޓު ކަމަށެވެ. އެކްސިޑެންޓު ހިނގި ވަގުތު ބާރު އަޑުފައްގަނޑަކާ އެކު މީހުންގެ ހަޅޭކުގެ އަޑު އިވިވަޑައިގެންނެވި ކަމަށް ވެސް ޝަމާއު ވިދާޅުވެފައި ވެއެވެ. އެކްސިޑެންޓު ހިނގީ ތިން ކާރަކާއި ސައިކަލުތަކެއް ޖެހިގެން ކަމަށް ޝަމާއު ވިދާޅުވި އެވެ.