ޚަބަރު

"މަގޭ ހިޔާވަހި" ޕޯޓަލްގައި މިހާތަނަށް 9000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވޭ

މުހައްމަދު ޝަހީމް

ރައްޔިތުންނަށް ކިޔޫގައި ނުޖެހި ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ކުރިމަތިލުމަށްޓަކައި އުފެއްދި އޮންލައިން ޕޯޓަލް "މަގޭ ހިޔާވަހި"ގައި މިހާތަނަށް 9000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި ރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި ޕޯޓަލްގެ ހިދުމަތް ރައްޔިތުންނާ ހަމައަށް ގެނައުމަށް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މި ޕޯޓަލް ގާއިމުކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ 11ގައި ވާނީ ރައްޔިތުންގެ ހިދުމަތަށް ނެރެދީފައި ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ވައުދެއް ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދެވޭނެ ނިޒާމެއް ގާއިމުކުރެއްވުމަކީ. އެ ވައުދު އަޅުގަނޑުމެން ވަނީ އެގޮތަށް އެދެވޭނެ ނިޒާމެއް ގާއިމުކުރުމަށް މިއަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އޭގެ ސިޓިޒަން ޕޯޓަލް ލޯންޗުކޮށް ރަޖިސްޓްރޭޝަންކޮށް މިއަދާ ހަމައަށް 9200 އަށްވުރެ ގިނަ ރައްޔިތުން ވަނީ ރަޖިސްޓްރީ ވެވަޑައިގަންފައި،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުންގެ އެ އަދަދަކީ ސްކީމެއް ނުހުޅުވައި، ހަމައެކަނި ސިޓިޒެން ޕޯޓަލް އިން ރަޖިސްޓްރީވެފައި ތިބި މީހުންގެ އަދަދު ކަމަށެވެ. އަދި މިކަމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބެމުން އަންނަ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ސިސްޓަމް މިގޮތަށް ގާއިމުކުރުމުގެ ސަބަބަބުން މި ޕޯޓަލް މެދުވެރިކޮށް ސްކީމެއް އިއުލާންކޮށްފިނަމަ 20،000 އަށްވުރެ ގިނަ ރައްޔިތުން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބޯހިޔާވަހިކަމަށް އެދި އެންމެ އަދުލުވެރި، އިންސާފުވެރިކަމާއެކު އެފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ނަޝީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ފެބްރުއަރީ 11ގައި ހިދުމަތް ދޭން ފެށި "މަގޭ ހިޔާވަހި" ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހައުސިންގް މިނިސްޓަރު އާމިނަތު އާތިފާއެވެ.