މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގޭގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް، ވިއްކާ އަދި ވިޔަފާރިކުރާ ގެތަށް ރެއިޑު ކުރުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން މިރޭ ވެސް ވަނީ އެ އޮޕަރޭޝަންގެ ދަށުން ގެއެއް ބަލައި ފާސްކޮށްފައެވެ. އެއީ މ. ލޮނުމިދިލިގެއެވެ. އެ އޮޕަރޭޝަންގެ ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ފުރުސަތު މީޑިއާތަކަށް ދިންއިރު، އެގެއިން ފަސް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުޑަކުދިންނެވެ.
ފުލުހުން ބުނީ އޮޕަރޭޝަންގައި ރެއިޑުކުރާ ގެތަަކުގައި މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރަމުން ދަނީ އެގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކު މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކަމަށެވެ.
އޮޕަރޭޝަންތަކަކީ ތަނުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއް ކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ގެއެއް ބަލައި ފާސްކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިގެތަކަކީ ތަކުރާރުކޮށް މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ބަލައިފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.