ޚަބަރު

ކުށްވެރިން ފަސޭހައިން ހޯދުމަށް ހުރިހާ ދިވެހިންގެ ޑީއެންއޭ ނަގައި، ޑޭޓާބޭސްއެއް ހެދުމަށް ނާޒިމު ގޮވާލައިފި

ކުށްވެރިން ފަސޭހައިން ހޯދުމަށްޓަކައި ހުރިހާ ދިވެހިން ނަގައި، ރައްކާކުރެވޭނެ ޑޭޓާ ބޭސްއެއް ހެދުމަކީ މިއަދު މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ނާޒިމު އެގޮތަށް ވިދާޅުވީ، ދާދި ފަހުން ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ، ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންގެ ފިންގަ ޕުރިންޓު އަދި މަރާލަން ބޭނުންކުރި ހަތިޔާރު ފެނިއްޖެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއުލާން ކުރެއްވި ފަހުން ހަފްތާއެއް ވެފައިވާއިރު ވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ނާޒިމު ވިދާޅުވީ، ގާސިމުގެ ގާތިލުން ހޯދިފައި ނުވަނީ ކުށުގެ ވެށިން ހޯދި ޑީއެންއޭ އާއި ފުލުހުންގެ ޑޭޓާބޭސްގައި އެއާ ދިމާވާނެ ޑީއެންއޭއެއް ނެތުމުން ކަމަށް ވެދާނެ ކަމަށެވެ.

އެހެންކަމުން މިވަގުތަކީ ކުށްކުރުމާއި ކުށްވެރިން ފަސޭހައިން ހޯދުމަށް ހުރިހާ ރައްޔިތުންގެ ޖެނެޓިކް މައުލޫމާތު ނުވަތަ ޑީއެންއޭ ނަގައި، ޑީއެންއޭ ޑޭޓާބޭސްއެއް ގާއިމުކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގާނޫނަށް ތަބާވާ ރައްޔިތުންނާއި އެމީހުންގެ މުދާ ރައްކާތެރިކޮށް، ދައުލަތް ސަލާމަތްތެރި ތަނަކަށް ހަދަންޖެހޭ ކަމަށެވެ.

އދ. މާމިގިލީ، ގާސިމް 59 އަހަރުގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

ގާސިމް ހަސަންގެ ގާތިލުގެ ފިންގަ ޕްރިންޓު އަދި، މަރާލަން ބޭނުން ކުރި ހަތިޔާރު ވެސް ފެނިފައިވާކަން ސީޕީ ހަމީދު އިއުލާން ކުރެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އެދުވަހު ކުރެއްވި ޓުވީޓެއްގައި ކޮމިޝަނަރު ވިދާޅުވީ، ގާސިމްގެ ގާތިލުގެ ޑީއެންއޭ ވެސް ފުލުހުންގެ ފޮރެންސިކު ޓީމަށް ހޯދިފައިވާ ކަމަށާއި އަދި ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު، އިޒްމިއާ ޒާހިރު "ވަން" އަށް އެދުވަހު ވިދާޅުވީ، ގާތިލުގެ ޑީއެންއޭ އަދި ފިންގަޕްރިންޓު ފެނިފައި ވުމާއެކު އެމީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑީއެންއޭ އަދި ފިންގަޕްރިންޓު ޓެސްޓު ހެދޭ، އައިއެސްއޯ ސެޓިފައިޑް ލެބޯޓްރީއެއް ފުލުހުންގެ ހުރެއެވެ. އެހެން ކަމުން ގާތިލު ދެނެގަތުމަށްޓަކައި އެ ޓެސްޓުތައް ހަދާނީ ރާއްޖޭން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.