ނޫސްމަޖައްލާތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި، ނުރައްކާތެރި އަމަލެއް މަޑުއްވަރީގައި ހިނގަމުން ނުދާކަމަށް ރ. މަޑުއްވަރީ ކައުންސިލުން ބުނެފިއެވެ.
ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ސިފައިންނާ ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މިކަމާ ގުޅިގެން ނޫސްތަކުން ލިޔަމުން އަންނަ ހަބަރުތަކާ ގުޅިގެން މަޑުއްވަރީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.
އެރަށު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާދި ފަހުން ކަނޑުމަތީގައި ހިންގި އަނިޔާވެރި އަމަލާއި ގުޅުވައިގެން މަޑުއްވަރީގެ ހާލަތުކަމަށް ބަޔާންކޮށް ގެނެސްދެމުންދާ ހަބަރުތަކުގައި ޒިންމާދާރުކަން ކުޑަ، ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ދިވެހި ނޫސްވެރިން ލިޔުމުގެ ސަބަބުން މަޑުއްވަރީއާ މެދު މީހުން ދެކެމުން އަދި ގޮތް ބަދަލުވެ މަޑުއްވަރީއަކީ ބިރުވެރިކަމުން ފުރިފައިވާ ނާމާން ރަށެއްގެ ގޮތުގައި ސިފަވާން ފަށާފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުގައި ދިވެހި އޮންލައިން ނޫސްތަކުން ލިޔެފަައިވާ އެފަދަ ލިތުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ނުސް ބަޔާނުގައި ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި މަޑުއްވަރީއާ ގުޅޭ ހަބަރުތަކުގައި، ހާއްސަކޮށް ދީނީ ހައްދުފަހަނަ އެޅުމާ ގުޅޭގޮތުން ގެނެސްދޭ ހަބަރުތަކުގައާއި މަޒުމޫނުތަކުގައި ހަގީގަތެއް ނެތް ވާހަކަ ނުލިޔުމަށް އެންމެހާ ނުސްމަޖައްލާތަކަށް ނަސޭހަތްތެރިވާ ކަމަށްވެސް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހިރާއްޖޭގެ ނުސްމަޖައްލާތަކުގައި ސިފަކޮށްފައިވާ ފަދަ ބިރުވެރި، ނުރައްކާތެރި އަމަލެއް މަޑުއްވަރީގައި ހިނގަމުން ނުދާކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ."
މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ތިން މީހުން ހައްޔަރުކޮށް މިހާރު ވަނީ ބަންދަށް 10 ދުވަސް ޖަހާފައެވެ.