ޚަބަރު

ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއަކަށް ނަސޭހަތްދީ، އެ އާއިލާގެ ތިން ކުއްޖަކަށް ވެކްސިން ދީފި

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ހިންގާ އޮޕަރޭޝަންގައި ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދިޔަ ގެއެއްގެ މީހުންނަށް ނަސޭހަތްދީ، އެ އާއިލާގައި ތިބި ތިން ކުއްޖަކަށް ވެކްސިން ދީފިއެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހަދަމުންދިޔަ ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމަށްފަހު ޖެންޑާ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ނަމަވެސް މިއަދު އެގޭ ކުޑަކުދިންނަށް ވެކްސިން ދޭން އެކުދިންގެ ބެލެނިވެރިން އެއްބަސް ވުމުން، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިއަދު ވެކްސިން ދީފައިވާ ތިން ކުޑަކުދިންނަކީ، ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ދެ އަހަރުގެ ފިރިހެން ކުއްޖެއް އަދި އެއް މަހުގެ ތުއްތު އަންހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކުރައިމް ވިންގު، ޗީފް ސުޕްރިންޑެންޓެ މުހައްމަދު ބަޝީރު ވިދާޅުވީ، އިއްޔެ އެރަށުގެ ހަ ގެއަކައި ދޯންޏެއް ބަލައި ފާސްކޮށްފައެވެ.

އެ ބަލައި ފާސްކުރި ކުރުމުގައި އެ މައްސަލައާއި ގުޅުންހުރި އަދި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓް ހޯދިފައިވާ ކަމަށާއި އަދި ބަލައި ފާސްކުރި ގެތަކުގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.

ރ. މަޑުއްވަރީގައި އުޅޭ ހަރުކަށި މީހުން ހޯދަން އޮޕަރޭޝަނެއް ފެށީ، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހްރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ،ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް ހިންގާ މަސައްކަތްތަކާ ދެކޮޅަށެވެ.

މީގެ އިތުރުން އެރަށުގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުގެ ބޭރުން، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި އެކަންކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އޮޕަރޭޝަން ފެށުމާއެކު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.