އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ވޯޓުލުން ކުރިއަށްދާއިރު ތިބޭ އޮފިޝަލުން، ވޯޓު ގުނާއިރު ނުތިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވީ، މިފަހަރުގެ ރަށު ކައުންސިލުތަކުގެ އިންތިހާބަކީ ވަރަށް ތަފާތު އިންތިހާބަކަށް ވާނެއެވެ. އެގޮތުން، މިފަހަރު އެހެން ފަހަރުތަކާ ހިލާފަށް ވޯޓު ގުނުމަށް ގިނަ ވަގުތުތަކެއް ނަގާފާނެ ކަމަށާއި މީގެ ކުރިން ގުނާ ގޮތައްގުނާނަމަ ނަތީޖާ އިއުލާނުކުރުމަށް 16 ގަޑިއިރު ހޭދަވެގެންދާނެ ކަމަށެވެ.
ނަމަވެސް ކޮމިޝަނުން މަޝްވަރާ ކޮށްގެން ވޯޓު ގުނުމުގެ ވަގުތު ކުޑަކޮށް، ކުރިއެކޭ އެއްވަރަށް ވޯޓުގެ ނަތީޖާ އިއުލާނު ކުރުމަށް، ވޯޓުލާ އޮފިޝަލުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.
އެގޮތުން މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ޖުމްލަ 4000 އެއްހާ އޮފިޝަލުން ބޭނުންކުރި ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 12000 އޮފިޝަލުން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓު ގުނުމުގައި ހަރަކާތްތެރިވާނީ އެދުވަހު ވޯޓުލާން ހަރަކާތްތެރިވާ އޮފިޝަލުން ނޫން ކަމަށް ނިންމާފައިވާ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.
އެގޮތަށް ބަދަލުކުރީ އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ގުނުމުގައި މިސްޓޭކް ހެދުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޮފިޝަލުންގެ ވަރުބަލިކަން ކަމަށާއި އެހެންކަމުން ވޯޓު ލާ ގަޑީގައި ހަރަކާތްތެރިވުމަށާއި ވޯޓު ގުނާއިރު ތަފާތު ދެ އޮފިޝަލުންގެ ޓީމެއް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. ދެ އޮފިޝަލުންގެ ގުރޫޕެއް ހެދިނަމަވެސް އަކުރަމް ވިދާޅުވީ، ވޯޓުލާ މަރުކަޒުގެ ވެރިއަކަށް ހުންނަވާނީ އެންމެ ބޭފުޅެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޮފިޝަލުން ހޯދުމުގައި އަބަދުވެސް ދަތިތަކާ ކުރިމަތިވާ ކަމަށާއި މިފަހަރު އޮފިޝަލުންނަށްދޭ އުޖޫރަ ބޮޑުކުރާނެ ކަމަށެވެ.