ލާދީނީ ފިކުރާއި "ޑޮޓް" ފިކުރު ނައްތާލުމުގައި ހުރިހާ ސަރުކާރެއް ފެއިލް ވެފައިވާ ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލަން ސަރުކާރުން މިއަދު ނިންމައިވަނިކޮށް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީހުން ކާފަރުކޮށް، ގަނީމާ އޭ ކިޔައިގެން މުދާ ފޭރި ހަދާ "ޑޮޓް" ފިކުރަކީ ވަރަށް ނުރައްކާތެރި ފިކުރެއް ކަމަށެވެ.
އެގޮތުން މައުސޫމް އާންމުން ދަތުރުކުރާ ފްލައިޓެއް ގޮއްވާލައިގެން މަރާލަން ރާވާނީ ވަރަށް ނުރައްކާތެރި ވީމަ ކަމަށާއި ނަމަވެސް ލާދީނީ ފިކުރާއި "ޑޮޓް" ފިކުރު ނައްތާލުމުގައި ވޭތުވެދިޔަ ހުރިހާ ސަރުކާރެއް ފެއިލް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެހާހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި "ޑޮޓް" އާއި "އެސްއެސް"ގެ ނަމުގައި ޖަމާއަތް ހަދައިގެން މާލޭގެ އެކި މިސްކިތްތަކުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔައެވެ. އަދި ރާއްޖޭގައި ހިންގާ ލާއިންސާނީ އެތައް ކަމެއް އެމީހުންނާ ގުޅިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
ލާދީނީ ފިކުރާއި "ޑޮޓް" ފިކުރު ނައްތާލުމަށް ސަރުކާރުތަކުން ފެއިލް ވެފައިވާ ކަމަށް ޝައިހު ޒައިދު ވިދާޅުވިއިރު، ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ގާއިމް ކުރުމާއި، މުސްލިމުން ކާފަރުކޮށް، އަނެކުންގެ މުދަލާއި ލޭ ހަލާލު ކުރާފަދަ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި ފަތުރައިގެންވާނެ ފިކުރެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މުޖުތަމައުގެ އާއްމު މަސްލަހަތަށް ހަދާފައި ހުންނަ ގާނޫނުތައް ބަލައިނުގަތުމާއި، ޖަމާއަތުން ވަކިވެ އެކަހެރިވެގަތުމާއި، އާއްމު އަސާސީ ތައުލީމާއި ސިއްހީ ވަސީލަތްތަކުން ޅަދަރިން މަހުރޫމް ކުރުމަކީ އިސްލާމް ދީނުގެ އުސޫލުތައް ނޫން ކަމަށެވެ.
އަދި އިސްލާމް ދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހަރުކަށިކަމާއި އަނިޔާވެރި، ލާއިންސާނީ، ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވެ ބޭރު ގައުމުތަކުގައި ހިންގަމުންދާ ދާހިލީ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބެމުންދާ ކަމަށާއި އެކަމުގެ ސަބަބުން އިސްލާމް ދީނުގެ ސުލްހަވެރި ތަސައްވުރު ކިލަނބުވެ އިސްލާމްދީނާ މެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދި އިސްލާމް ދީނުގެ ހަގީގީ މަފްހޫމު އޮޅިގެން ދިއުމަށް އެއްވެސް ދިވެއްސަކު ފުރުސަތު ދީގެން ނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.