ޚަބަރު

ސިއްހީ ހިދުމަތްތެރިން ރައްޔިތުންގެ ކައިރިއަށް ޒިޔާރާތްކުރުމަކީ އަލުން ފަށަންވެފައި އޮތް ކަމެއް: ރައީސް

އާނިފާ ހުސެއިން ސިރާޖް

ރަށުގެ އާންމު ސިއްހީ ހިދުމަތްތެރިން، ވަކިވަކި ފަރުދުން ކައިރިއަށް ޒިޔާރާތްކޮށް އެމީހުންގެ ހާލު ބެލުމުގެ ޕްރޮގުރާމަކީ އަލުން ފަށަން ވެފައިއޮތް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. ހިތަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ސިއްހީ ގޮތުން ރާއްޖެއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި އެކަންކަން ރަނގަޅު ކުރެވޭނީ އާންމުންގެ ސިއްހީ ހޭލުންތެރިކަން އިތުރުކޮށްގެން ކަމުން ބަލިވުމުގެ ކުރިން ބަލިން ދުރުކުރެވޭނެ އާންމު ސިއްހަތުގެ ރަނގަޅު ނިޒާމެއް ރަށްރަށުގައި ގާއިމުކުރުމަށް ކައުންސިލުތަކުން އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރަށްރަށުގެ އާންމު ސިއްހީ ހިދުމަތްތެރިން ގަވާއިދުން ގޭގެއަށް ޒިޔާރާތްކޮށް، ވަކިވަކި ފަރުދުންގެ ހާލުއަހުވާލު ބަލައި، ސިއްހީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ މިހާރު އަލުން ފަށަންވެފައި އޮތް ކަމެކެވެ. އަދި އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް ސިއްހީ ހިދުމަތްދޭ އިދާރާ ތަކަށާއި ކަައުންސިލުތަކަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ސިއްހީ ހިދުމަތްތައް ލިބިގަތުމުގަޔާއި ހިދުމަތްތައް ދިނުމުގައި އަދި ހިދުމަތާ ދޭތެރޭވެސް މިހާރު މުޅިންއާ ވިސްނުންތަކެއް ގެންގުޅެއްޖެހޭކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އޭގެ އެއް ވިސްނުމަކީ އެކުވި ގޮތެއްގައި ހިދުމަތް ދެވޭނެ ނިޒާމެއް ރޭވުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަމުންދަނީ އެ ވިސްނުމުގައި ކަމަށާއި ލ. ގަމުގައި ހުރި ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ހިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެއް ކަމަށާއި އެގޮތުން ލ. އަތޮޅުގައި ވެސް މޯބައިލް ލެބޯޓަރީގެ ހިދުމަތް މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ބިލަށް އިޝާރާތް ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ސިއްހީ ނިޒާމު ތަރައްގީ ކުރުމުގައި ހެލްތް ޕޯސްޓު ތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށްބޮޑަށް ފުޅާވެގެން ހިނގައްޖެ ކަަމަށާއި ސިއްހީ ހިދުމަތް ދިނުމުގައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ ޒިންމާ ވެސް އިތުރުވެއްޖެ ކަމަށެވެ. ހަމަ އެގޮތަށް، ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމެޓީއެއް ވެސް އިންތިހާބު ކުރަންޖެހޭއިރު، އެ ކޮމެޓީތަކުގެ އެންމެބޮޑު ޒިންމާއަކީ އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.