ޚަބަރު

ގާސިމްގެ މަރުގެ މައްސަލައިގައި ވީހާވެސް ގިނަ ހެކި ހޯދަންޖެހޭ، ފަހުން އިންކާރު ކޮށްފާނެ: ޝަމީމް

އާނިފާ ހުސެއިން ސިރާޖް

1

ދާދި ފަހުން ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ގާސިމްގެ ގާތިލު މިހާރު އިއުތިރާފުވީ ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށްފިނަމަ ދެން ބަރޯސާވާން ޖެހޭނީ ހެކިތަކަށް ކަމަށާއި އެހެންކަމުން ބުއްދިވެރި ގޮތަކީ ހެކި އެއްކުރެވެން އޮތް ވަގުތުގައި ހުރިހާ ހެއްކެއް ހޯދުން ކަަމަށް ޕްރްސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ގާސިމް މަރާލި މައްސަލައިގައި ރޭ ހައްޔަރުކުރި މީހާއަކީ ގާސިމްގެ ގާތިލު ކަމަށާއި އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވަނީ ޓުވީޓެއް ކުރައްވައިފައެވެ.

އެ ޓުވީޓަށް ރިޕްލައި ކުރަމުން ޝަމީމް ޓެގުކޮށް، މީހަކު ކުރި ޓުވީޓެއްގައި އެފަދަ އަވަސް ނިންމުންތައް ނިންމަންޖެހޭ މައްސަލަތަކަށް ފާސްޓް ޓްރެކް ކޯޓު ބޭނުންވާނެ ކަމަށްބުނެ ސުވާލު އުފައްދައިފައެވެ.

އެ ޓުވީޓަށް ރިޕްލައި ކުރައްވަމުން ޝަމީމު ވިދާޅުވީ ގާސިމުގެ ގާތިލު މިހާރު އިއުތިރާފުވެފައިވީ ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށްފިނަމަ ދެން ބަރޯސާވާން ޖެހޭނީ ހެކިތަކަށް ކަމަށާއި އެހެންކަމުން ބުއްދިވެރި ގޮތަކީ ހެކި އެއްކުރެވެން އޮތް ވަގުތުގައި ހުރިހާ ހެއްކެއް ހޯދުން ކަަމަށެވެ. އަދި އެ މައްސަލައިގައި ޕީޖީ އޮފީހުން ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

ޕޮލިސް ކޮމިޝަނަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ގާތިލު އެވަގުތު ލައިގެން ހުރި އަންނައުނު ހޯދާފައިވާ އެ އެއްޗެހި ހޯދާފައިވަނީ ގާސިމް މަރާލި ސަރަހައްދުގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. އަދި އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގާސިމްގެ ގާތިލުކަން ކަށަވަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ރޭ ހައްޔަރުކުރި އެ މީހާ، ގާސިމް މަރާލި ކަމަށް އިއުތިރާފުވެ، ތަހުގީގު ކުރިއަށްގެންދިއުމަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ ގާސިމްގެ ގާތިލު ހޯދުމުގައި ފޮރެންސިކް ހެކިތައް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކޮމިޝަނަރު ހަމީދު ވަނީ، ގާސމުގެ ގާތިލުންގެ ފިންގަ ޕުރިންޓު އަދި މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައިވާކަން ހާމަކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟