ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގަމު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

ލ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމު ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ގަމު ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ސޯލިހު ވަނީ އެތަންތަނުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައިލައްވާފައެވެ. އަދި އެބޭފުޅުންނަށް މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތުގެ އިތުރުން، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅިގެން ރައީސް މައުލޫމާތު ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި ގަމުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސްއާ ހިއްސާ ކުރެއްވިއެވެ. ގަމު ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ހައުސިންގް ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެރަށުގެ މަގުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސްއާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މުއައްސަސާތަކުގެ އިސްވެރިން ވަނީ ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރައީސް ސޯލިހުއާ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް ރައީސް އާ ހިއްސާކުރައްވާފައި ވެއެވެ. މީގެ އިތުރުން ގަމުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމު ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ވެސް ރައީސް އާއި ހިއްސާކުރައްވާފައި ވެއެވެ.

ސަރުކާރާއި ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން އަދި ކަމާގުޅޭ މިނިސްޓްރީތަކުން ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރައްވާނެ ކަމަށް މި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ވިސްނުންތެރިކަމާއެކު ހައްލު ކުރެއްވުމަށް ރައީސް ވިދާޅުވިއެވެ.