ޚަބަރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމެންޓް ބަނދަރު ގާއިމުކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމެންޓް ބަނދަރާއި، ބައިނަލްއަގުވާމީ މެރިޓައިމާ ގުޅުންހުރި އެހެނިހެން ހިދުމަތްތައް ގާއިމުކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ކޮންޓްރެކްޓް އެވޯޑުކޮށްފައިވަނީ އެކަމަށް ބީލަމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި ފަރާތް ކަމަށްވާ، ނެދަލެންޑްސްގެ އެމްޓީބީއެސް އަދި ޑެންމާކުގެ ނީރަސްގެ ޖޮއިންޓްވެންޗާއަކާ 860،626 އެމެރިކާ ޑޮލަރަށް ކަމަށެވެ.

އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރު އަދި އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަހުމަދު މިގުދާދެވެ. އެމްޓީބީއެސް ގެ ފަރާތުން ސޮއިކުރެއްވީ އޮތޮރައިޒްޑް ޑިރެކްޓާ ކޮމާސް އެންތޮނީ ވަން ޑަ ހޮއެސްޓް އެވެ.

މި ކޮންސަލްޓެންސީގެ ދަށުން ޓްރާންޝިޕްމެންޓް ބަނދަރު ގާއިމުކުރުމުގެ ފީޒިބިލިޓީ ބެލިގެންދާނެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅާއި، ރާއްޖޭގެ ދެކުނުން ލާމު އަތޮޅާއި، ހުވަދު އަތޮޅާއި ދެމެދުގައިވާ ހުވަދޫ ކަނޑާ ކައިރިން އެކަމަށް އެންމެ އެކަށޭނެ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ބަންކަރިން، ބޯޓުފަހަރު މަރާމާތުކުރުން އަދި ބޯޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށްގެން ހިތަދޫ ބައިނަލްއަގުވާމީ ބަނދަރު ތަރައްގީކުރުމުގެ ފީޒިބިލިޓީވެސް ބެލިގެންދާނެ ކަމަށާއި ފީޒިބިލިޓީއަށް ބިނާކޮށް މަޝްރޫއު ކުރިއަށްގެންދާނެ ގޮތާ ބެހޭ ދިރާސާތައް ކުރެވިގެންދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ މި ކޮންސަލްޓެންސީގެ ދަށުން ހަދާ ދިރާސާތަކުގެ އަލީގައި މި މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒުކުރުން ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރެވި، ދިގު މުއްދަތަކަށް ދެމިގެންދާނެ އިންގިލާބީ ހެޔޮ ބަދަލުތަކެއް ރާއްޖޭގެ އިގުތިސާދަށް ގެނައުން ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން މި ކޮންސަލްޓެންސީގެ ސަބަބުން މާލެ ސަރަހައްދު ނޫން އެހެނިހެން ސަރަހައްދުތައްވެސް ތަރައްގީވުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައުމަކީވެސް ސަރުކާރުގެ އަމާޒެއްކަން އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.