ފޮރިން މިނިސްޓްރީ

ޖަޕާނުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ ކައުންޓާ ޓެރެރިޒަމަށް ބޭނުންކުރާ ސާމާނުތަކުގެ ލިސްޓު ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ކައުންޓާ ޓެރަރިޒަމް ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 70 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން، ފޯރުކޮށްދޭ އިކުއިޕްމެންޓުތަކުގެ ލިސްޓު މިއަދު ހަވާލުކޮށްފިއެވެ.

''އެކްސްޗޭންޖް އޮފް ނޯޓްސް'' އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް 500 މިލިއަން ޖަޕަނީޒް ޔެން (70 މިލިއަން ދިވެހި ރުފިޔާ)ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު އެ ގައުމަށް މިދިޔަ އޮކްޓޯބަރު މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެއިކޮ ޔަނާއީ، ވަނީ ''އެކްސްޗޭންޖް އޮފް ނޯޓްސް' އެއްބަސްވުމުގެ ދަށުން ޖަޕާނުން ފޯރުކޮށްދޭން ހަމަޖައްސާފައިވާ އިކުއިޕްމެންޓުތަކުގެ ލިސްޓު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކުރައްވާފައެވެ.

އިކުއިޕްމެންޓުތަކުގެ ލިސްޓް ހަވާލުކުރުމަށްފަހު ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެއިކޮ ޔަނާއީ ވިދާޅުވީ ''އެކްސްޗޭންޖް އޮފް ނޯޓްސް'' އެއްބަސްވުމުގެ ދަށުން ޖަޕާނުން ފޯރުކޮށްދޭ ހިލޭ އެހީއަކީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުންނާއި، ވަކިން ހާއްސަކޮށް ކައުންޓާ ޓެރަރިޒަމް ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން މިއަދު ހަވާލުކުރި ލިސްޓުގައި ޖުމުލަ 13 ވައްތަރުގެ އިކުއިޕްމަންޓު ހިމެނޭނެ ކަމަށާއި، މި އިކުއިޕްމަންޓުތަކުގެ އެހީގައި ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަރުގަދަވެގެންދާނެ ކަމަށް ކެއިކޮ ޔަނާއީ ވިދާޅުވިއެވެ. އަދި ޖަޕާނުން ހަދިޔާކުރާ އިކުއިޕްމަންތުތަކުގެ އެހީގައި ރާއްޖޭން މިހާރު ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ކެއިކޮ ޔަނާއީ ވިދާޅުވިއެވެ.

ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވެދޭ އެންމެ އިތުބާރު ބޮޑު އެއް ޕާޓުނަރު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.