މޫސުމް

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ: ރަށްރަށަށް އެކިވަރުގެ ގެއްލުން، ފުލުހުން އެދެނީ ރައްކާތެރިވެ ތިބުމަށް!

މަރިޔަމް ޝަހުދާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށުގައި އެކި ކަހަލަ ހާދިސާތައް ހިނގައި އެކިވަރުގެ ގެއްލުންތައް ވަމުން ދާތީ ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އާންމުން ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފައިވަނީ އުދައެރުމާއި، ގޭގެއަށް ފެން ވަނުމުގެ އިތުރުން މަގުމައްޗަށް ގަސްތައް ވެއްޓުން ފަދަ އެތައް ހާދިސާތަކެއް ރެއިން ފެށިގެން ފުލުހުންނަށް ރިޕޯޓު ކުރަމުން ދާތީއެވެ.

ރޭ 3:00 ހާއިރު ޅ. ހިންނަވަރު އޭޓީއެމްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކ. ކާށިދޫގައި ގެއެއްގެ ގޯތިތެރޭ ހުރި ދެގަސް މަގުމައްޗަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 06:57 ހާއިރު ކަމަށާއި މިހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ. ތުޅާދޫގައި ބައެއް ގޭގޭގައި ފެންބޮޑުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތުޅާދޫގައި ފެން ވަންނަމުން ދިޔަ ގޭގެޔަށް ފެން ވަނަ ނުދިނުމުގެ ގޮތުން ފުލުހުން ގޮސް އެ ގޭގޭގައި ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ނ. ހޮޅުދޫ އިރުމަތި ފަރާތުގައި ޖަހާފައިވާ ތޮށިމަތިން އުދަ އަރަމުންދާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ފުލުހުން ވަނީ މި ހާދިސާއާއި ގުޅިގެން ލޮނު ވަދެދާނެހެން ހީވާ ގޭގޭގައި ވެލިބަސްތާ ޖަހައިދީފައެވެ.