ލައިފް ސްޓައިލް

ޔޫކޭގެ ހޮސްޕިޓަލެއްގައި ޑިސްޕޯސިބަލް ބުރުގާ ތައާރަފުކޮށްފި

ޔޫކޭގެ ހޮސްޕިޓަލެއްގައި ޑިސްޕޯސިބަލް ސްޓެރައިލް ބުރުގާ ތައާރަފުކޮށް އޮޕަރޭޝަން ތިއޭޓަރުގައި ބޭނުން ކުރަން ފަށައިފިއެވެ. އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބުނި ގޮތުގައި މިއީ ޔޫކޭގައި ޑިސްޕޯސިބަލް ބުރުގާ ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

މި ބުރުގާ ފަރުމާކުރީ ހޮސްޕިޓަލުގެ ޖޫނިއާ މުސްލިމް ޑޮކްޓަރެއްކަމަށްވާ ފަރާ ރޮސްލާން އެވެ. އެވިސްނުން އައީ ރޯޔަލް ޑާބީ ހޮސްޕިޓަލުގައި ޓްރެއިނިންގައި އުޅުނު އިރު ކަމަށް ބީބީސީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. އޭނާ ބުނީ ޑިސްޕޯސިބަލް ބުރުގާ ތައާރަފު ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުޅި ދުވަހު އެއްބުރުގާ އަޅައިގެން ހޮސްޕިޓަލުގައި އުޅެންޖެހުމުގެ ސަބަބުން އިންފެކްޝަން އުފެދި، އެހެން މީހުންނަށްވެސް އޭގެ އަސަރުކުރުން އެކަށިގެންވާތީ ކަމަށެވެ.

"މުޅި ދުވަހު މި އުޅެން ޖެހެނީ އެއް ބުރުގާއެއް އަޅައިގެން. އޮބްވިއަސްލީ ސާފެއް ނުވާނެ. އަހަރެންނަށް ބުރުގާ ބާލައިގެނެއް ނޫޅެވޭނެ. އަބަދު އަޅައިގެން އުޅޭ ބުރުގާ އަޅައިގެން ތިއޭޓަރުތަކަކަށް ނުވަދެވޭ. އެހެންތާ ވާނީ އިންފެކްޝަން ކޮންޓްރޯލް ކުރަން ޖެހޭނެތާ!" ފަރާ ބުންޏެވެ.

އެހެންވެ މެދު މިނެއް ހޯދަން ޖެހުނީ ކަމަށާއި ޕެޝަންވެސް ދޫކޮށްނުލައި އެކަމު ދީން ގަބޫލުކުރާ ޑްރެސް ކޯޑުވެސް ހިފަހެއްޓޭނެ ގޮތަކީ މިގޮތްކަމުގައި ވާތީ މި ބުރުގާ ތައާރަފު ކުރަން ބޭނުންވީ ކަމަށް ފަރާ އިތުރަށް ބުންޏެވެ.

ބުރުގާ ހެދިގޮތް ކިޔައިދެމުން ފަރާ ބުނީ ފުރަތަމަ އޭނާގެ އުފަން ގައުމު މެލޭޝިއާއަށް އެ ހިޔާލު ހިފައިގެން ދިޔައީ ކަމަށެވެ. އެއަށްފަހު ޑިޒައިނާއި ފޮތިތައް ޓެސްޓު ކުރީ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް އުފާވެއްޖެ މި ތައާރަފު ކުރެވުނީމަ. ބޭނުން ވަނި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް މި ބުރުގާ ބޭނުން ކުރަން ފަށާނެ ދުވަހެއް ފެނުން." ބުރުގާ އެހާ އަގުބޮޑު ނުވާނެ ކަމަށާއި އެކި ގައުމުތަކުގެ ތިއޭޓަރުގައި ފޮރުވިފައިވާ ބޮޑު ސިއްރެއްގެ ގޮތުގައި ބުރުގާގެ މައްސަލަ އުޅޭކަން ފާހަގަ ކުރަމުން ފަރާ ބުންޏެވެ.