ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިތަދޫ ހެލްތު ސެންޓަރަށް 50 އަހަރު ފުރުމުގެ ރަސްމިއްޔާތަށް، ރައީސް ލ. އަތޮޅަށް ވަޑައިގެންފި

އިބްރާހިމް ޒަކީ

ލ. ހިތަދޫ ހެލްތު ސެންޓަރަށް 50 އަހަރު ފުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ލ. އަތޮޅަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ހެނދުނު ލ. ކައްދޫ އެއާޕޯޓަށް ވަޑައިގެންނެވުމުން އެއަތޮޅު ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ރައްޔިތުން އެމަނިުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ އިތުރުން ފޮނަދޫ ދާއިގެ މެންބަރު މޫސާ ސިރާޖު އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުނަދޫ އާއި ހިތަދޫއަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުމުގެ ޖަލްސާ އޮންނާނީ މިއަދު ހަވީރު 4:00 ލ. ހިތަދޫ ސްކޫލްގައި ކަމަަށެވެ. ހިތަދޫގައި ސިއްހީ ހިދުމަތް ފަށާފައިވަނީ 1969 ޑިސެންބަރ އެއް ވަނަ ދުވަހު ހެލްތު ސެންޓަރެއްގެ ގޮތުގައެވެ.

މީގެ 50 އަހަރު ކުރިން، ހައްދުންމަތީގައި މުޅިން އަލަށް ސިއްހީ ހިދުމަތް ފެށިގެން ދިޔައީ އެންމެ ހެލްތު އެސިސްޓެންޓަކާއެކު މި ހެލްތު ސެންޓަރުގައި ނަމަވެސް ހެލްތު ސެންޓަރުން ފުރަތަމަ ޑޮކްޓަރެއްގެ ހިދުމަތް ލިބެން ފަށާފައިވަނީ 9 ޖޫން 1997 ގައެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ހިތަދޫ ސިއްހީ މަރުކަޒަކީ، މިހާރު 29 މުވައްޒަފުންނާއެކު 24 ގަޑިއިރަށް ހިދުމަތް ދެމުން އަންނަ ލެވެލް 3 ގެ ސިއްހީ މަރުކަޒެއް ކަމަށެވެ.

ހިތަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތާއި ބަލިމީހުން ބަލައި ފަރުވާދިނުމާއި އެޑްމިޓް ކުރާނެ ވޯޑަކާއި ވިއްސާ ކޮޓަރިއެއް ހުރެއެވެ. އަދި ޕަބްލިކް ހެލްތު ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ އިތުރުން މޯބައިލް ލެބޯޓަރީގެ ދަށުން މާމެންދޫ، ކުނަހަންދޫގެ ހެލްތު ސެންޓަރުތަކުން ބްލަޑް ސާމްޕަލް ފޮނުވުމުން ޓެސްޓު ހެދުމަށްފަހު އޭގެ ނަތީޖާ ހިތަދޫ ހެލްތު ސެންޓަރުން އެ މަރުކަޒުތަކަށް ފޯރުކޮށްދެއެވެ. މީގެ އިތުރުން ކުޑަކުދިންނަށާއި މާބަނޑުމީހުނަށް ވެކްސިންދިނުމުގެ ހިދުމަތް އެތަނުން ދެމުން ގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން އޮންލައިން"އަށް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ލ އަތޮޅުގެ ކައުންސިލަރުންނާއި އެ އަތޮޅުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.