މޫސުމް

ވައިގަދަވެ ވިއްސާރަ ވުމުގެ ސަބަބުން މާލޭގައި ތިން ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުވޭ

މަރިޔަމް ޝަހުދާ

ވައިގަދަވެ ވިއްސާރަ ވުމުގެ ސަބަބުން މާލޭގައި ރެއާއި މިއަދު ތިން ހާދިސާއެއް ހިނގާފައިވާ ކަމަށާއި، ނަމަވެސް މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުރަތަމަ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:43 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ފުލުހުންނަށް އެގަޑީ ރިޕޯޓުކޮށްފައިވަނީ މާލޭގެ އަބަދަށް އުފާމަގު ދަމާސް ފަރުނީޗަރު ފިހާރަ ކައިރީ ހުރި ޑިޝް އެންޓަނާއެއް ވެއްޓިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދެވަނަ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6:10 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރުޒުމަގު ހެންވޭރު ކެފޭ ކައިރިން މަގުމައްޗަށް ގަހެއް ވެއްޓިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށްވެސް ގެއްލުމެއް ނުވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ސޯލްޓް ކެފޭކައިރީ ހިނގި ހާދިސާއެއްވެސް ފުލުހުންނަށް ރިޕޯޓުކޯށްފައިވާކަމަށް ފުލުހުން ބުނެއެވެ، އެގޮތުން އެސަރަހައްދުގައި ބަހައްޓަފައި ހުރި އިސްތިހާރު ބޯޑެއް މަގުމައްޗަށް ވެއްޓިގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މި ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މި ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ސަމާލުވެ، އެކަމަށް ރައްކާތެރިވެ ތިބުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.