ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި ޅ. ނައިފަރު ކައުންސިލް އިދާރާގެ ފުރާޅުން ބޮޑު ބައެއް އެއްލާލައި ކައުންސިލް އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިފަރު ކައުންސިލް އިދާރާގެ ފުރާޅު އެއްލާލުމުގެ ސަބަބުން ކައުންސިލް އިދާރާ އިމާރާތުގެ އެތެރެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ.
ޝިޔާމް ކުރެއްވި ޓުވީޓުގައި ނައިފަރު ކައުންސިލް އިދާރާގެ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެ ސަރަހައްދުގައި ފުލުހުންނާއި އާންމުން ހަރަކާތްތެރިވާތަން ފޮޓޯއިން ފެނެއެވެ. އަދި ކައުންސިލް އިދާރާގެ ފުރާޅުން ބޮޑުބައެއް އެއްލާވާއިރު، ކައުންސިލް އިދާރާގެ ބޭރު ފާރުން ބައެއް ތަޅައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.
ނައިފަރު ކައުންސިލަށް މިކަމުން އަރައިގަތުމަށް އަވަހަށް މަސައްކަތެއް ކޮށްދެއްވުމަށް ޝިޔާމް ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޝިޔާމް ވަނީ މި ޓުވީޓުގައި "ޓެގް"ކުރައްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:00 ހާއިރު ކަމަށެވެ. ނައިފަރު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށު ރައްޔިތުންގެ މަސައްކަތުން ކައުންސިލް އިދާރާ ތެރޭ ހުރި ލިޔެކިޔުންތަކާއި ކޮމްޕިއުޓަރު ފަދަ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކައުންސިލް އިދާރާ ތެރެއަށް ވާރޭ ވެހުމުގެ ސަބަބުން އެތާނގައި ހުރި ލިޔެކިޔުންތަކާއި ކޮންޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.