ނުހައްގުގޮތުގައި މީހުން މުއްސަނދިވުން ހުއްޓުވުމަށް ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައްޔިތުންނަށް ހަމަހަމަކަން ގާއިމުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކޮރަޕްޝަން ނައްތާލައި، ހަމަހަމަކަން ގާއިމުކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ރާވައިފައެވެ. އެގޮތުން ނުހައްގުން މުއްސަނދިވުން ހުއްޓުވުމުގެ އިތުރުން ކޮރަޕްޝަންއާ ދެކޮޅަށް އިތުރު ދެ ބިލެއް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
އެއީ ވިސްލް ބްލޮވިންގް ގާނޫނާއި މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ ބިލެވެ.
ރައީސް ސޯލިހް ވިދާޅުވީ އިންސާފުގެ މަގަށް ކަންތައްތައް ގެންދިޔުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކުގައި އަށަގަނެ "މޫ ލާފައިވާ" ކޮރަޕްޝަންގެ ސަގާފަތް ނައްތާލުން ކަމަށެވެ.