ޚަބަރު

ހަނގުރާމައަށް ދިޔަ 173 ދިވެހިންގެ ތެރެއިން 91 މީހަކު ވަނީ މަރުވެފައި!

ސީރިއާގެ ދާހިލީ ހަނގުރާމައަށް ދިޔަ 173 ދިވެހިންގެ ތެރެއިން 53 ޕަސަންޓް މީހުން މަރުވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ފަރާތުން މުހައްމަދު ޔަމާން ޖައުފަރު ވާހަކަދައްކަވަމުން ވިދާޅުވީ ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި 53 ޕަސަންޓް ފިރިހެނުން އަދި 47 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ދިރި ތިބީ ނުވަ ޕަސަންޓް ފިރިހެނުންނާއި 91 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ސީރިއާގެ ހާލަތަށް ބަލައިލާ އިރު، ހަނގުރާމައަށް ދިޔަ 53 ޕަސަންޓް ފިރިހެނުންގެ ތެރެއިން ދިރި ތިބީ ނުވަ ޕަސަންޓް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. އަދި އަންހެންނާއި ކުޑަކުދިންގެ ތެރެއިން 91 ޕަސަންޓް މިހާރު ދިރި ތިބި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވިއެވެ.

ޔަމާން ވިދާޅުވީ ހަނގުރާމައަށް ދިޔަ ފިރިހެނުންގެ ތެރެއިން 48 ޕަސަންޓުގެ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށާއި ކުށުގެ ރެކޯޑު އޮންނަ މީހުންގެ ތެރެއިން 39 ޕަސަންޓް މީހުންނަކީ ގޭންގުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

"އެ 53 ޕަސަންޓުގެ ފިރިހެނުންނަށް ބަލައިލާ އިރު، 48 ޕަސަންޓަކީ ކުށުގެ ރެކޯޑު ހުރި މީހުން. ކުށުގެ ރެކޯޑު އޮންނަ މީހުން ބްރޭކްޑައުން ކޮށްލާފައި ބަލައިލާ އިރު، އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ 39 ޕަސަންޓަކީ ގޭންގުތަކަށް ރިލޭޓަޑް މީހުން ކަމަށް. ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކުރަނީ ގޭންގުތަކުގައި ތިބި މީހުން ރެކްރޫޓު ކުރުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމް ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ މީހުން ހުއްޓުވޭނީ މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއެކު ކަމަށާއި އެކަމަށް އާންމުން ސަމާލުވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެފަދަ މީހުންގެ މައުލޫމާތު ފުލުހުންނާއި އެންސީޓީސީއަށް ރިޕޯޓު ކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.