ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، ގިނަ ހެކިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނުން ފެށިގެން ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކުރައިމް ވިންގު، ޗީފް ސުޕްރިންޑެންޓެ މުހައްމަދު ބަޝީރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އޮޕަރޭޝަންގައި މިއަދު ހަ ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ބަލައި ފާސްކުރުމުގައި މި މައްސަލައާއި ގުޅުންހުރި އަދި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓް ހޯދިފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރި ގެތަކުގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދަނީ އއ. ހިމަންދޫގައި ހިނގާދިޔަ ފަދަ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް ވިދާޅުވިއެވެ.
"މި އޮޕަރޭޝަން ހިންގަމުންދާއިރު 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިނގާދިޔަ ކަންތައްތަކުގެ ތަޖުރިބާގައި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި އޮޕަރޭޝަންގައި ބައިވެރިވާ ފުލުހުންނާއި ސިފައިންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރަން،" ބަޝީރު ވިދާޅުވިއެވެ.
އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހްރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުކުވެރިކޮށް ،ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް މަޑުއްވަރީގައި ހިންގާ މަސައްކަތާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މީގެ އިތުރުން އެރަށުގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުގެ ބޭރުން، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި އެކަންކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.