ސިނަމާލެ ބްރިޖް

ފުރަތަމަ 100 ދުވަސްތެރޭ ބުރިޖުގައި ސީސީޓީވީ އަދި ސްޕީޑު ކެމެރާތައް ހަރުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަސްތެރޭގައި ސިނަމާލެ ބުރިޖުގައި ސީސީޓީވީ އަދި ސްޕީޑު ކެމެރާތައް ހަރުކުރުމަށް ނިންމައިފިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ އެކި ދާއިރާތަކުން ކުރައްވާނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

ސިނަމާލެ ބުރިޖުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވެއެވެ. އާންމުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުގައި ބުރިޖުގައި ސީސީޓީވީ އަދި ސްޕީޑު ކެމެރާތައް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ކެމްޕޭން ފެށި، 5000 ހެލްމެޓް ހިލޭ ބެހުމަށާއި މާލެ، ހުޅުމާލެ، ވިލިގިލީގެ މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް ސޯލާ ލައިޓްއިން ދިއްލާ އަލިކުރުމަށް ހަމަޖެހިފައިވެއެވެ.

ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންތައްތައް:

  • މާލެ، ހުޅުމާލެ، ވިލިގިލި މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް ސޯލާ ލައިޓްއިން ދިއްލާ އަލިކުރެވޭނެ.
  • މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ކެމްޕޭން ފެށި، 5000 ހެލްމެޓް ހިލޭ ބެހޭނެ.
  • ބުރިޖުގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާތައް ހުރުކުރެވޭނެ.
  • އެންވަޔަރަމެންޓް އެންޑް ރޯޑް ސޭފްޓީ ޕޮލިސްގެ ހިދުމަތް ފެށޭނެ.
  • ފުލުހުންނާ އާމުންގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމު ޕްރޮގްރާމެއް އެކުލަވާލެވޭނެ.
  • ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރެވި ގަވައިދުން ޕެޓްރޯލް ކުރަން ފެށޭނެ.