އައްޑޫ ސިޓީ ހިތަދޫގައި މިއަދު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 64 އަހަރުގެ މީހަކަށެވެ. އެގޮތުން މި އެކްސިޑެންޓުގައި އޭނާގެ ކަނާތުފައި ބިންދައިގެން ދިއުމުގެ އިތުރުން އެމީހާގެ ނިތްކުރި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަނެއް މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ގާޒީ މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް އައިކޮޅަށް އަނބުރާލަން އުޅުމުގެ ތެރެއިން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އަތުގައި ލައިސަންސް އޮތެވެ. ނަމަވެސް އަނެއް ސައިލަކު ދުއްވަން އިން 25 އަހަރުގެ މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.