ޚަބަރު

އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 34 މިލިއަން ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އިސްދޫގެ ބަނދަރުގައި ބޭރު ތޮއްޓަކާއި 48 މީޓަރު އެއްގަމު ތޮށި ލުމުގެ އިތުރުން ރިވެޓްމަންޓް ޖެހުން އެ މަސްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއަދު ވަނީ ރ. އަލިފުއްޓާއި އެ އަތޮޅު ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭ ހެދުމަށް ވެސް ބަޔަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 51 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގްރޫޕު ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތު ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތަށް 2.7 މިލިއަން ރުފިޔާ ހަރަދުވެއެވެ.