ޚަބަރު

ޗައިނާއާއެކު ރާއްޖެއިން ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން މުރާޖައާ ކުރަން މަޖިލީހަށް ހުށަހަޅަން ގޮވާލައިފި

އިބްރާހިމް ޒަކީ

ޗައިނާއާ އެކު ރާއްޖެއިން ހަދާފައިވާ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް މުރާޖައާ ކުރަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

އަލީ އާޒިމް މިކަމަށް ގޮވާލެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހެދި އެ އެގްރީމެންޓަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަލީ އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އެއްބަސްވުމަށް ރުހުންދޭން އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ރަބަ ސްޓޭމްޕް ޖެހީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސުޕަ މެޖޯރިޓީ އޮތް އެ މަޖިލީހުން އެކަން ކުރީ ރޭގަނޑު ގަޑިއެއްގައި މަޖިލިސް ހުޅުވައިގެން ކަމަށާއި، އެއްބަސްވުމަށް އަމަލު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސް ކުރީ މަޖިލިހުގައި އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލާ ހިލާފަށް ކަމަށެވެ.

އަދި އެ އެގްރީމެންޓްގެ ތަފްސީލްތައް މަޖިލީހުގެ އެއްވެސް މެމްބަރަކަށް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ފްރީ ޓްރޭޑް އެގްރީމެންޓުގައި ޗައިނާއާ އެކު ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސް ކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތުން 2017 ވަނަ އަހަރުގައެވެ.

ޗައިނާއާއެކު ރާއްޖޭން ސޮއިކުރި އެއްބަސް ވުމުގައި ގިނަ ކަމްބޮޑުވުންތަކެއް ހުރިކަން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން އެ އެގްރީމެންޓް ރިވިއު ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ އެގްރީމެންޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.