ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ލ އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މާދަމާ ލ އަތޮޅަށް ވަޑާއިގަންނަވަން ހަމަޖައްސާފައިވަނީ ލ. ހިތަދޫ ހެލްތު ސެންޓަރަށް 50 އަހަރު ފުރުމާ ގުޅިގެން ބާއްވާ ހާއްސަ ހަފުލާއަކަށް ކަމަށެވެ. ދަތުރުފުޅުގައި ހިތަދޫ ހެލްތު ސެންޓަރަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.
މީގެ އިތުރުން ލ އަތޮޅުގެ ކައުންސިލަރުންނާއި އެ އަތޮޅުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ބައްދަލުކުރައްވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ދަތުރުފުޅުގައި ރައީސް ސޯލިހު ލ. ފޮނަދޫއަށާއި އެއަތޮޅު ގަމަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖައްސާފައެވެ.