ބްރޯޑްކާސްޓިން ކޮމިޝަނުގެ އާ ރައީސާ، މަރިޔަމް ވަހީދާ، ރޭ އޮތް ޓޫރިޒަމް މިނިސްޓްރީގެ "ބުރަބި" ހަފުލާ ހުށަހަޅައިދިނުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މީގެ ކުރީން ބްރޯޑްކާސްޓިން ކޮމިޝަނުގެ ބައެއް މެންބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭއްވި ބައެއް ހަފުލާތައް ހުށަހަޅައިދިނުމުން މިހާރުގެ ސަރުކާރަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ.
އޭގެ ތެރޭގައި ޕީއެސްއެމްގެ ކުރީގެ ޑެޕިޔުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިކްރާމް އަބްދުލް ލަތީފް އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު ފާތިމަތު ޒައިނާއަށް އަމާޒުވި ފާޑުކިޔުންތައް ހިމެނެ އެވެ. އިކްރާމަށް އަމާޒުވީ ސިޔާސީ އިވެންޓުތަކާއި ސަރުކާރުގެ އިވެންޓުތައް ހުށަހެޅުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކެވެ. ޒައިނާއަށް އަމާޒުވީ ޕީޕީއެމްގެ ސިޔާސީ ހަރަކާތެއްގައި އަމަލީ ގޮތުން ބައިވެރިވެ އުޅުމުން ރައްދުވި ފާޑުކިޔުންތަކެވެ.
މިނިވަން މުއައްސަސާތަކުގެ ވެރީންނަކީ ވަކި އަތަކަށް ނުޖެހި، މަސައްކަތްކުރާން ޖެހޭ ބަޔަކަށް ވާ އިރު، އަދި އެ މުއައްސަސާތަކުގެ ވެރީންނަކީ ދެން އެ މުއައްސަސާތަކުގައި ތިބޭ މީހުންގެ މިނިވަންކަން ކަށަވަރުކުރާން ޖެހޭ މީހުން ކަމަށްވާ އިރު، މަރިޔަމް ވަހީދާގެ މި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މަރިޔަމް ވަހީދާގެ މިނިވަންކަމެއް ނެތް ކަމަށާއި އޭނާގެ އިތުބާރު ގެއްލިއްޖެ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރޭ އޮތް ހަފުލާ މަރިޔަމް ވަހީދާ ހުށަހަޅައިދިން އިރު އޭނާ ވަނީ ސަރުކާރުގެ ބައެއް ވެރީންނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފަ އެވެ. ފާޑުކިޔާ ބައެއް މީހުން ބުނެފައިވާ ގޮތުގައި، މަރިޔަމް ވަހީދާގެ އެވާހަކަތަކަކީ ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ވެރިޔެއްގެ ފުށުން ފެނިގެން ވާނޭ އަމަލެއް ނޫނެވެ. އަދި ވަކީން އަމުދުން މީޑިއާގެ ކަންކަަމާ ގުޅިގެން މައްސަލަތައް ބަލައި އިންސާފުވެރި ނިންމުންތަކެއް ނިންމަން ޖެހޭ ތަނެއްގެ ރައީސްގެ ފުށުން މި ފަދަ އަމަލެއް ފެނުމުން އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
"މާދަމާ މިނިސްޓަރު އަލީ ވަހީދު ދައްކަވާ ވާހަކަޔަކާ ގުޅިގެން ނޫނީ ސަރުކާރުގެ ކަމަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއްގައި މަރިޔަމް ވަހީދާއަށް ކޮން އިންސާފެއްތޯ ގާއިމް ކޮށްދެވޭނީ؟ ސަރުކާރު ފަޅި ނޫން ގޮތަކަށް މަރިޔަމް ވަހީދާއަށް ނެގޭނެތޯ؟ މީ ދެއްތޯ އަޅުގަނޑުމެން އަބަދާއި އަބަދު މިދައްކާ ވާހަކަޔަކީ. މަރިޔަމް ވަހިދާއަށް ވެސް މިކަންކަން އެނގިވަޑައިގަންނަވަން ވާނެ ދެއްތޯ!" އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ނޫހެއްގެ އެޑިޓޯރިއަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ މަރިޔަމް ވަހީދާގެ އެ އަމަލާ މެދު ހިތާމަ ކުރައްވާ ކަމަށާއި އަނެއްކާވެސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދިއްޖެ ކަމަށެވެ.
"މިނިވަން މުއައްސަސާތަކުގެ ވެރިން ސަރުކާރުގެ އިވެންޓުތައް ހުށަހަޅަން ނުވަތަ އިވެންޓު އިންތިޒާމްކުރަަން ދާން ޖެހޭ ސަބަބެއް ނޯންނާނެ. އަމުދުން ސަރުކާރު އިވެންޓެއްގެ ކަމަކުން އެބޭފުޅުން އާމްދަނީ ހޯއްދަވައިގެން ނުވާނެ. މިސާލަކަށް މާދަމާ ޓޫރިޒަމް މިނިސްޓްރީއާ ގުޅޭ ކަމެއްގެ ސަބަބުން ކޮމިޝަނުން ބަލާ މައްސަލައެއްގައި މަރީ ރިޔާސަތުގަ އިންނަވާ އިރު އަނެއްކޮޅުން މި އޮތީ އެތަނުން މާލީ މަންފާއެއް ނަންގަވާފަ! މީ ދެރަ ކަމެއް." މީޑިއާ ބޭފުޅާ ވިދާޅުވި އެވެ.
މި ކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މަރިޔަމް ވަހީދާއަށް "ވަން އޮންލައިން" އިން ފޯނު ކުރުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ ސަރުކާރު ހަފުލާ ހުށަހަޅުއްވައިދިނުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައިވާ އިރު، އަލަށް އައްޔަން ކުރި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާއަށް ވެސް ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ. ފިޔާޒަށް ފާޑުކިޔުން އަމާޒުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖޭން ބޭރަށް ކުރެއްވި ދަތުރެއްގައި މޮރޯކޯއިން ދިން ކާޕެޓެއް އެމަނިކުފާނު ގެޔަށް ގެންދެވި ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށް، ފޮރިން މިނިސްޓްރީގެ ގުދަނުގައި އެ ކާޕެޓާ އެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓުކުރެއްވުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ސޯޝިއަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނާ ގޮތުގައި، އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ވެސް ނޫނެވެ. އަދި އެއީ މައުލޫމާތު ހޯދުން ނުވަތަ ލިބިގަތުން ކަށަވަރުކުރައްވަން ހުންނަވާ ބޭފުޅަކު ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެއް ނޫނެވެ. އެޔަށްވުރެ ބޮޑަށް އެ އަމަލު ފާހަގަވެގެން ދަނީ ސިޔާސީ ބޭފުޅަކު ޕްރޮމޯޓުކުރުން ކަމަށް ބައެއް މީހުން ފާހަގަކޮށްފައި ވެއެވެ. އަނެއްބައި މީހުން ބުނެފައިވާ ގޮތުގައި އެއީ ފިޔާޒްގެ ޕްރޮފެޝަނަލް ކަމެވެ. އަދި އެއީ މައްސަލައެއް ނޫނެވެ.