ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތު ދޭ މީހާވެސް ކުށްވެރިވާ ގޮތަށް އެންޓި ކޮރަޕްޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރާނެ މަސައްކަތެއް ކަމަށް ވަނީ އެމަނިކުފާނު ހާމަކުރައްވައިފައެވެ.
އެގޮތުން އެމަނިކުފާނުގެ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގައި ކޮރަޕްޝަން ނައްތާލައި ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހަމެޖިހިފައެވެ.
ރިޝްވަތު ނަގާ އަދި ދޭ ފަރާތްތައް އެއްވަރަކަށް ކުށްވެރިކުރުމުގެ އިތުރުން ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފެށުމާއި ކޮރަޕްޝަންއާ ދެކޮޅަށް ކެމްޕެއިންތައް ފެށުން ހިމެނެއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަން ނައްތާލުމަށް އެކަންތައް ބެލެހެއްޓުމާ ހަވާލުވެ ހުރި ކޮމިޝަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.