ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓުން 2014 ވަނަ އަހަރު ތ. ވިލުފުށީގައި ފެށި ނަމަވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާ، 100 ގޭގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، ނޫމަޑިން ތ. ވިލުފުށީގައި އަޅަން ފަށާފައިވާ ގެތަކުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެސެސްމެންޓް ހަދަން ފަށައިފި ކަމަށެވެ.
މިކަމާބެހޭ އިތުރު ތަފުސީލު ދެއްވަމުން ވިލުފުށީ ކައުންސިލްގެ ރައީސް ހުސެއިން އަބުދުއްސަލާމް އާދަމް "ވަން އޮންލައިން" އަށް ވިދާޅުވީ، އެ 100 ގެ އައީ 2008 ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޅުމަށް ހަމަޖެއްސި 10،000 ހައުސިން ޔުނިޓުގެ ތެރެއިން ވިލުފުށީގައި އަޅަން ނިންމި 100ގެ ކަމަށެވެ. އަދި އެ ގެތައް އެޅުމުގެ މަސައްކަތް ސަރުކާރާއެކު ކުރިއަށް ގެންގޮސް ފެށޭ ވަރުވީ 2014 ވަނަ އަހަރު ކަމަށާއި، ނަމަވެސް އެ ޕްރޮޖެކްޓް ކުރިއަށްގެންދާ ކުންފުންޏާއި ސަރުކާރާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އެ ގެތަކުގެ މަސައްކަތް ބަޖެޓްކޮށްގެން އަންނަ އަހަރު ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.
"އެއީ ސުނާމީ ޕްރޮޖެކްޓެއް ނޫން، އެއީ 2008 ވަނަ އަހަރު ގާއިމް ކުރި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަން ނިންމި 10000 ގޭގެ ތެރެއިން މި ރަށުގައި އަޅަން ނިންމި 100 ގެ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ ގެއެއްގެ މަސައްކަތްވެސް ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން 64 ގޭގެ ކޮންކްރީޓް މަސައްކަތް ނިމި 16 ގެއެއް ހިޔާކޮށް ބައެއް ގޭގޭގެ ފާރުތަކުގައި ސިމެންތި ޖަހާފައިވާ ކަމަށެވެ.
"މި ގެތައް ހަދަނީ ޕްރިކާސްޓިން ގޮތަށް ކުރީބައިގައި ބީމްތައް އަޅާފަ، ތަކެތި ގެނެސް ރާވާ ގޮތަށް، އެގޮތުން ހުރިހާ ތަނެއްގައި ހުރިހާ ބީމުތަކެއްވެސް ހުރީ އަޅާފަ، ތަކެތިވެސް ހުރީ ގެނެސްފަ،" ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ އިމާރާތް ކުރުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސް ވުމުގެ ސަބަބުން އެ ގެތަކުގެ ދަގަނޑު ތަކާއި ފާރުތަކުގައި މިހާރު މައްސަލަ އުޅޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވަނީ ނޫމަޑިއާއެކު ކަމަށްވިޔަސް އެތަނުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އައިލެންޑް އެކްސްޕާޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ އެ ގެތައް ނުނިމި ހުރުމުން އަދި އެއްވެސްް ފަރާތަކަށް ދޫކޮށްފައިނުވާ ކަމަށެވެ.