ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައއިގަންނަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ޖަލުން ދޫކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ޒަމާނީ ޝަރުއީ ދާއިރާތަކުގައި ރައްޔިތުންނަށް ލިބިދޭ އެފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ވެސް ނަގަހައްޓައި ދީފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ވެސް ލަސްނުވެ ކަފާލާތުގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ޖަމީލު ވިދާޅުވިއެވެ.

ކަފާލާތުގެ ފުރުސަތު ހޯދުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި ނަމަވެސް ކަފާލާތުގެ ދަށުން ހުށަހެޅީ ގޭބަންދަށް ބަދަލުކުރުމަށް ކަމެއް ނުވަތަ ހައިކޯޓުން ގޮތެއް ނިންމަންދެން މިނިވަންކުރުމަށް ކަމެއް ވިދާޅުވެފައެެއްނުވެއެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓަށް ވެސް ހުށަހަޅައިފައެވެ.

ހައިކޯޓުން މިއަދު ބުނީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަަލަ ބަލައިގެންފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމުގައިވެއެވެ.