ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެެއް ފަށައިފިއެވެ.
މި އޮޕަރޭޝަންގައި އެރަށު ބައެއް ގެތައް ދަނީ ފާސް ކުރަމުންނެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ކުރިޔަށްގެންދާ ކަމަށާއި، އެ އޮޕަރޭޝަންގައި ރަށުގެ ގެތައް ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހްރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުކުވެރިކޮށް ،ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް އެރަށުގައި ހިންގާ މަސައްކަތާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މީގެ އިތުރުން މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުގެ ބޭރުން، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ދާކަމަށްވެސް ބުނެފައިވެއެވެ.
"މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ، ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހްރޫމްކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެން ކަމަށްބުނެ މި ކަންކަން ހިންގާ، ގެ ތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމްތަކާ ގުޅިގެން މި ކަންކަން ހިންގަމުންދާކަމަށް ފާހަގަކުރެވޭ. އެ ގެތައް ބަލައި ފާސްކޮށް މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި، ދެނެގަނެ މި ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެއް." މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފުލުހުން އެކަންކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ ކަމަށެވެ.
އަދި މި އޮޕަރޭޝަނަށް ރ. މަޑުއްވަރީ އާއި އެ ސަރަހައްދުގެ އެހެނިހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކިބައިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަމަށާއި މިކަން ކުރިއަށްގެންދަނީ މުއައްސަސާތަކުގެ އެއްބާރުލުމާއެކު ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.