ޓެކްސީ ބޯޑު ފީ ކަނޑާލައި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ހެޔޮކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިފި އެވެ.
އޭގެ ތެރެއިން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ޓެކްސީ ބޯޑު ފީ ކަނޑާލުމަށް ނިންމާފައިވާ އިރު، އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ހެޔޮކުރަން ނިންމާފައިވަނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައެވެ.
ޓެކްސީ ބޯޑު ޓްރާންސްޕޯޓު އޮތޯރިޓީން މިހާރު ދޫކުރަނީ 50000 ރުފިޔާގެ ފީއެއް ނެގުމަށްފަހު އެވެ.
ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންތައްތަކެއްގެ ލިސްޓެއް އިއުލާނުކުރައްވައިފަ އެވެ. އެ 100 ވައުދުގެ ތެރޭގައި ރައްޔިތުންނާ ގުޅުން ހުރި އެކި ދާއިރާތަކުން ގިނަ ކަންތައްތަކެއް ވަނީ ހިމަނުއްވައިފަ އެވެ.
އެކި ބައިތަކަށް ބަހައިލައްވައިގެން ފުރަތަމަ 100 ދުވަސް ތެރޭ ނިންމަވަން ކަނޑަައަޅުއްވާފައި ކަންކަން ރައީސް ސޯލިހު އިއުލާނުކުރެއްވި އިރު، ޓެކްސީ ބޯޑު ފީ ކަނޑައިލެއްވުމާއި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮ ކުރަން ހިމަނުއްވާފައި ވަނީ ދަތުރުފަތުރުގެ ބައިގަ އެވެ.
ދަތުރުފަތުރުގެ ބައިގައި ހިމަނުއްވާފައިވާ އިތުރު ކަންކަމަށް ބަލާ އިރު، މާލޭގެ ފަޅުތެރެއިން ދައުލަތުގެ ބޭނުމަށް ނެގިފައި ހުރި ސަރަހައްދުތައް އާންމުންނަށް ލުއިފަސޭހަ ވާނެ ގޮތަށް ހުޅުވައިލާން ވެސް ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވަނީ ހިމަނުއްވައިފަ އެވެ.