ހައިކޯޓު

ރައީސް ޔާމިންގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އިސްތިއުނާފަށް އެދުމުން އެ މައްސަލަ ބަލައިގެންފައިވާކަމަށް ހައިކޯޓުން މިއަދު ބުނެފިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހުސްވި ނޮވެމްބަރު މަހުގެ 28 ގައެވެ.

އަދި އެހުކުމް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅީ އެމަހުގެ 30 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމުގައިވެއެވެ.