ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ފޮރިން މިނިސްޓްރީގެ ހުރިހާ އެހީއެއް ލިބޭނެ: ޝާހިދު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ފޮރިން މިނިސްޓްރީން ހުރިހާ އެހީއެއް ވެދޭނެ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ "ބުރަބި" ހަފުލާގައި މިރޭ ވާހަކަދައްކަވަމުން ޝަރަފުވެރި މެހެމާނު ޝާހިދު ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންގެ ބުރަ މަސައްކަތާއި ދިވެހިންގެ ހިންމަތާއި މިންނަތުން މި ހިސާބަށް ގެނެވިފައި އޮތް ދިވެހިންގެ އިގުތިސާދުގެ ރަން ބިސް އަޅާ ކުކުޅު ކަމަށާއި ރިސޯޓުތަކުގައި ރެއެއް ދުވާލެއް ނެތި އަދިވެސް މަސައްކަތްކުރަމުން ގެންދަނީ ދިވެހިން ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފަތުރުވެރިކަން ޕްރޮމޯޓު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމުގައި އަޅުގަނޑުމެންގެ މިނިސްޓްރީގެ ދާއިރާއިން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދޭނަން. ފަތުރުވެރިކަމަކީ ދިވެހިންގެ ބުރަ މަސައްކަތާއި ދިވެހިންގެ ހިންމަތާއި މިންނަތުން މި ހިސާބަށް ގެނެވިފައި އޮތް އަޅުގަނޑުމެންގެ އިގުތިސާދުގެ ރަން ބިސް އަޅާ ކުކުޅު. އަޅުގަނޑުމެންގެ މިއަދުގެ ވިސްނުން އޮތީކީ ރަން ބިސް އަޅާ ކުކުޅުގެ ބިސް މަދުވެގެން އޭގެ ބަނޑު ފަޅާލައި، މޭބިސްކުރަނޑިގަނޑަށް ދަންދެން ދަމައިގަންނާކަށް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ކަންކަން ފަސޭހަކޮށްދީ، އެކަންކަމަށް ލުއިވާނެ މަގުތައް ހޯދައިދީ، އެކަމަށް ހިތްވަރުދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންގެންދިއުން ކަމަށާއި އެއީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ ވައުދު ފުއްދަމުން ގެންދާތަން ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ ކޮންމެ ފަރުދެއްގެ ހިއްސާއެއްވާ ސިނާއަތެއް. މި ސިނާއަތު ދެމެހެއްޓުމަށްޓަކައި މިއަދުގެ ސަރުކާރުން ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ކުރަމުންގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކައިގައި މިދިޔަ ސަރުކާރު ނިމުމަކަށް އައި އިރު، ޓޫރިޒަމް މިނިސްޓްރީ ވަރަށް ބޮޑަށް ކިލަނބުވެފައި އޮތްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މިނިސްޓްރީއާ ހަވާލުވުމަށްފަހު މިނިސްޓަރު އަލީ ވަހީދަކީ އަމާނާތްތެރި ވަޒީރެއްކަން ސާބިތުކޮށްދެމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.