އަންނަ އަހަރުގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މާކެޓިން (އެމްއެމްޕީއާރުސީ)ގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ޓްރެންޑުތަކަަށް ފައިހަމަކުރާ ބަޔަކު ކަމުގައި ވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް އިއުލާން ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފުލާގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ އުންމީދަކީ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑުތަކަށް ފައިހަމަކުރާ ބަޔަކު ކަމުގައި ވެގެންދާތަން ފެނުން ކަމަށެވެ.
ތޮއްޔިބު ވިދާޅުވީ މިއަދުގެ ދުނިޔޭގައި ފަތުރުވެރިންނަކީ ދުނިޔެއަށް ލޯހުޅުވިފައިވާ ބައެއް ކަމަށާއި އެމީހުން ދަތުރުކުރާއިރު އެ މަންޒިލެއްގެ ރައްކާތެރިކަމާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ވަރަށްބޮޑަށް ބަލާ ކަމަށެވެ. އަދި އެމީހުން ދަތުރުކުރާ މަންޒިލުތަކުން އާ ތަޖުރިބާތައް ހޯދަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިން އެންމެ ގިނައިން ބޭނުންކުރާ އެއް ވެބްސައިޓު ކަމަށްވާ "ބުކިން ޑޮޓް ކޮމް"އިން މިއަހަރު ނެރެފައިވާ ރިޕޯޓަށް ބަލާ އިރު، ދަތުރެއްގައި ލިބޭ މާއްދީ ފައިދާތަކަށްވުރެ މައުނަވީ ފައިދާތައް މުހިންމު ކަމަށް ތިންބައިކުޅަ ދެބައި ފަތުރުވެރިން ބުނެފައިވާކަން ފާހަގަކުރައްވާފައި ތޮއްޔިބު ވިދާޅުވީ އެހެންކަމުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ޗުއްޓީތަކަކީ މައުނަވީ ގޮތުން އެމީހުންނަށް ހިތްހަމަޖެހުން ލިއްބައިދޭ ޗުއްޓީއަކަށް ވެއްޖެނަމަ ރާއްޖެއަކީ ޒަމާނީ ފަތުރުވެރިއާއަށް ފަސޭހައިން ވިކޭ މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.
މިފެށޭ އަހަރު ފަތުރުވެރިންނަށް ތަޖުރިބާ ކޮށްލެވޭނެ ކަންތައްތަކެއް ރަށްރަށުން އުފަންވެގެންދިއުމަކީ އުންމީދެއް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ރާއްޖޭގައި ސަގާފަތާއި ތަރިކައިގެ އިތުރުން ގުދުރަތީ ރީތިކަން އެބަހުރިކަން ފާހަގަކުރައްވައި ތޮއްޔިބު ވިދަޅުވީ ރާއްޖޭގައި އެކްސްޕީރިއެންސްތައް ތައާރަފުވަމުން އަންނަ ވަރަކަށް އެމްއެމްޕިއާރުސީން އެ ތަންތަން ދުނިޔޭގެ ފަތުރުވެރިންނަށް ދައްކައިދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ އަންނަ އަހަރުގެ މާކެޓިން ޕްލޭންތައް މިހާރު ތައްޔާރުކުރަމުން އަންނަކަން ފާހަގަކުރައްވައި ތޮއްޔިބު ވިދާޅުވީ ގިނަ ޕްލޭންތަކެއް މިހާރު ވަނީ އެކުލަވާލެވިފައި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއް ބަޔަކީ އެފަދަ އެކްސްޕީރިއެންޝުއަލް ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތައް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުން ފަތުރުވެރިންނަށް ހާއްސަ އެކްސްޕީރިއެންސްތަކެއް ތައާރަފުކުރުމުގެ މުބާރާތެއް ބާއްވަން ރާވާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރާއްޖެއަކީ މިހާރަށްވުރެ ގިނަ ތަޖުރިބާތަކެއް ފަތުރުވެރިންނަށް ހޯދައިދޭ މަންޒިލަކަށް ވެގެންދާނެ ކަަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ކެމްޕޭނުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް އެފަރާތުގެ މެންބާޝިޕް ފީ ޑައިރެކްޓާސް ބޯޑުގެ ފަރާތުން މިހާރު 80 އިންސައްތަ ކުޑަކޮށްފައިވާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
ތޮއްޔިބު އިތުރަށް ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ރާއްޖެ އިޝްތިހާރުކުރުމަަށް ހިންގި ހުރިހާ ހަރަކާތްތަކަށްވުރެ ގާތްގަނޑަކަށް 80 އިންސައްތަ އިތުރަށް މިއަހަރު ހަރަކާތްތައް ހިންގާފައިވާ ކަމަށާއި މިއީ އެމްއެމްޕީއާރުސީގެ ހަޔާތުގައިވެސް އެންމެ ގިނަ އަދަދަކަށް މާކެޓިން ހަރަކާތްތައް އެންމެ ފުޅާދާއިރާއަކަށް ހިންގި އަހަރު ކަމަށެވެ. އަދި މިއަހަރު މި ނިންމާލަނީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަހަރުގެ ގޮތުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.