އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ 22 ވަނަ މާއްދާ ރާއްޖެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ، އެކަން އިއުލާން ކުރައްވައިފިއެވެ.
މި މާއްދާގެ ހ. ބުނާގޮތުން އދ.ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ ދަށުން ހުށަހެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ގައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިއުލާން ކޮށްފައިވާ ގައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ގައުމެއްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހުރި ފަރާތަކަށްވާނަމައެވެ.
އެގޮތުން މިއަދު ރައީސް ސޮއިކުރެއްވި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ އިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.
މި ޑެކްލެރޭޝަން ހުށަހެޅުމަކީ ކޮމިޓީ އެގެއިންސްޓް ޓޯޗާއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެމްބަރު މަހުގައި މުރާޖައާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކުލޫޑިން އޮބްޒަވޭޝަންގައި ހިމެނޭ ރެކޮމެންޑޭޝަނެކެވެ.