ހދ. ވައިކަރަދޫގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްޓުގައި އަނިޔާވި ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އިއްޔެ "ވަން"އަށް މައުލޫމާތުދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލް ކަންމަތިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އެރަށު ފެމޯރާގެ، އުމުރުން 48 އަހަރުގެ މުހައްމަދު ޒާހިރަށެވެ. އޭނާ އިއްޔެއިން ސުރެ އޮތީ އައިސީޔޫގައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ދާއޫދު "ވަން"އަށް ވިދާޅުވީ އޭނާގެ ބޯފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އޭނާއަށް ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.
އެކްސިޑެންޓުގައި ދެވަނައަށް އަނިޔާވީ 20 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް އޭނާވެސް ވަނީ މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސްފައި ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު ދާއޫދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު މިއަދު ވިދާޅުވީ އެ ދެމީހުން މާލެ ގެނައުމަށް ކުޅުއްދުއްފުށިން ފުރީ ހަވީރު 3:30 ހާއިރު ކަމަށާއި އެ ދެމީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ، ދެމީހުނަށްވެސް މިހާރު އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް ނެތް ކަމަށާއި އެކްސިޑެންޓު ހިނގާފައިވާ ވައިކަރަދޫއަކީ ފުލުހުން ނުތިބޭ ރަށެއް ކަމަށެވެ.