ބާޒާރުގައި ފިޔާގެ އަގު މާބޮޑަށް މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އެއާ ފްރެއިޓްކޮށް ފިޔާ ގެނެސް ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ބާޒާރުގައި ފިޔާގެ އަގު މައްޗަށް ދިއުމާއި ގުޅިގެން އަގުތައް ކޮންޓްރޯލު ކުރުމަށް، އެސްޓީއޯއިން އެއާ ފްރެއިޓްކުރި ޝިޕްމަންޓްގެ ފިޔާ އެސްޓީއޯ ސުޕަމާޓުން މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، 40 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކަނީ ކަސްޓަމަރަކަށް އެއް ކިލޯގެ މަގުން ކަަމަށެވެ. އެގޮތައް ކޮންޓުރޯލް ކޮށްފައިވަނީ ފިޔާ ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފެށުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގާފާނެތީ ކަމަށާއި އެސްޓީއޯއިން ބަލަނީ ހުރިހާ އެންމެންނަށް ވެސް ހެޔޮއަގުގައި ފިޔާ ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ފިޔާ ބަސްތާއެއް ނުވިއްކާނެއެވެ.
ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ މައި ގައުމު ކަމުގައިވާ އިންޑިއާގައި ފިޔާގެ ސަޕްލައި ދަށަށް ގޮސް، ފިޔާގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވެސް ފިޔާގެ އަގުވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ބާޒާރުގައި ފިޔާ ކިލޯއެއް މިހާރު ވިއްކަމުންދަނީ ގާތްގަނޑަކަށް 70 ރުފިޔާއަށެވެ.