އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް 100 އަހަރު ފުރޭ ސެންޓީނެރީ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު ނެޝަނަލް އާޓް ގެލަރީގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައިއެލްއޯގެ ސެންޓީނެރީ ފާހަގަކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ހަނދާނީ ފައިސާފޮއްޗެއް އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ އާއި ހަވާލުކޮށްދެއްވައިފައެވެ.
މިރަސްމިއްޔާތުގައި "ޔުނިވަރސަލް އެންޑް ލާސްޓިންގް ޕީސް – އައިއެލްއޯ ސެންޓިނަރީ" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ދައްކާލުމުގެ އިތުރުން އައިއެލްއޯގެ ސަތޭކަ އަހަރުވީ ދިގު މާޒީގެ މައްޗަށް އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ ވާހަކަފުޅު ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި އައިއެލްއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެމްއޯޔޫގައި އައިއެލްއޯގެ ފަރާތުން ސޮއިކުރެއްވީ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ އެވެ.
އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ. މި ރަސްމިއްޔާތު ފެށުމުގެ ކުރިން، ދިވެހިރާއްޖެ އާއި އައިއެލްއޯގެ ދިދަނެގުމުގެ ހަރަކާތެއް ނެޝަނަލް އާޓް ގެލަރީގެ ގޯތިތެރޭގައި ބޭއްވިއެވެ.