ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ މީހުން ފޮނުވާލުމަށް ބަނގުލާދޭޝް ސަރުކާރުގެ އެހީތެރިކަން ބޭނުންވޭ: ފައްޔާޒު

އިބްރާހިމް ޒަކީ

ރާއްޖޭގައި ގާނޫނާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީިން އެމީހުންގެ ގައުމު ކަމުގައިވާ ބަނގުލާދޭޝް އަށް ފޮނުވައި ލުމަށް އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ލޭބާ އޮޣަނައިޒޭޝަން (އައިއެލްއޯ) އަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގާނޫނާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ތަކަކީ ވަރަށްބޮޑެތި ގޮންޖެހުންތައް ހުރި ދަތި އުނދަގޫ މައްސަލައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނާ ހިލާފަށްއުޅޭ މީހުން ފޮނުވައި ލުމުގައި އެންމެ ބޮޑަށް ދަތި ވަނީ ޑޮކިއުމަންޓްތައް ނެތް މައްސަލައިގައި ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، ޕިޗޯރީންގެ ގޮތުގައި އެމީހުން ރާއްޖޭން ފޮނުވާލަން ބޭނުން ނުވާ ކަމަށާއި، އެމީހުން ފޮނުވާލަން ބޭނުން ވަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވޭގޮތެއްގެ މަތިން ކަމަށެވެ.

އެކަމުގައި ބަނގްލާދޭޝް ސަރުކާރުގެ އެހީތެރިކަން ބޭނުންވަނީ އެމީހުންގެ އައިޑެންޓިޓީ ގާއިމް ކުރަން ކަމަށާއި، އެކަމަށް އަމަލް ކުރަންޖެހޭ ޕްރޮސެސް ތަކެއް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ހުޅުވައިލި ފުރުސަތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން 20،000 އަށްވުރެ ގިނަ ބިދޭސީން ރެޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެކަމުގައި ވެސް ދަތިތަކެއް އެމިނިސްޓަރީއަށް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އެކްސްޕަޓީސްގެ މައްސަލަތަކާއި މިހާރު ބެނުން ކުރަމުން އަންނަ ސޮފްޓްވެއާ ބަދަލު ކުރަންޖެހުމުގެ މައްސަލަތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ދަތިކަމާއެކުވެސް މިހާތަނަށް ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ކުރިންވެސް ވައުދު ވެވަޑައިގެންފައިވާ ގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ މިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.