ޚަބަރު

އަންނަ އަހަރުން ފެށިގެން އޮކްޓޫބަރު 22، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފި

އާނިފާ ހުސެއިން ސިރާޖް

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޒުވާނުންގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 22 ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެގޮތަށް ކަނޑައެޅީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީހެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށެވެ.

އެގޮތުން 22 އޮކްޓޫބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަހެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ، ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިންމު ހައްގެއްކަމުން ޒުވާނުންގެ ދުވަސް ފާހަގަކުރުން އެންމެ އެކަށީގެންވާ ދުވަހަކީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނުއަސާސީގެ އެ މާއްދާ ފާސްކުރެއްވި ދުވަސް ކަމަށެވެ. އަދި އޭރު އެގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްވެގެން ދިޔައީ، ހާއްސަ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ގުރްބާނީ އާއި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގައި ވެސް ދޫނުދެއްވައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދިޔަ ތާރީީހު، އެކި ފަހަރުމަތިން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔައެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންގޮސްފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އަންނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް ނިންމެވުމާ ގުޅިގެން، އަންނަ އަހަރު އެ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ހާއްސަ ޕްރޮގްރާމުތަކެއް ހިންގެވުމަށް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމައިފައެވެ.