އިބްރާހިމް ޒަކީ
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަމާޒުކޮށް، މިނިމަމްވޭޖް ކަނޑައެޅިގެންދާއިރު ރާއްޖޭގެ އިގުތިސާދަށް ލޮޅުންތަކެއް އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ލޭބާ އޮޣަނައިޒޭޝަން (އައިއެލްއޯ) އަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން އިގުތިސާދަށް ލޮޅުން އަރަނީ މީގެ ކުރިން ވޭޖް ކަނޑައަޅާފައި ނުވާތީ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އިތުރަށް ދިގު ނުކޮށް ކުރުކޮށްލައިގެން އެކަން ކުރަން އެބަޖެހޭ ކަމަށެވެ. އެއީ ރައްޔިތުން އެކަމަށްބޭނުންވާތީ އާއި އަޅުގަނޑުމެންގެ މުސްތަގުބަލް ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ހިގަންޖެހޭގޮތަށް އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނިމަމްވޭޖު ކަންޑައެޅުމާބެހޭގޮތުން، އައިއެލްއޯ އާއި ސެލެރީ އެންޑް ވޭޖާސް އެޑްވައިޒަރީ ބޯޑާ މަޝްވަރާކޮށް އެ ކަމާބެހޭގޮތުން އެ ދެފަރާތުން އެކުލަވައިލި ރިޕޯޓް އިއްޔެ ލިބިފައިވާ ކަމަށެވެ.
އެއީ ބުރަ، ބޮޑު މަސައްކަތެއް ކަމަށާއި، އެ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެކަނި އަދާކުރެއްވީ މޮޑަރޭޓަރެއްގެ ރޯލު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމުގައި ސަރުކާރުން ހަމަ އެކަނި މަސައްކަތް ކުރެއްވީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ގަބޫލު ކުރެވޭ މިންގަނޑެއްގައި މިނިމަމް ވޭޖެއް ކަނޑައެޅުމަށް ކަމަަށެވެ.
މިނިސްޓަރު ވިދާޅުވީ އައިއެލްއޯ އާއި ސެލެރީ އެންޑް ވޭޖާސް އެޑްވައިޒަރީ ބޯޑުގެ ރިޕޯޓަށް ބަލައި މިހާރުން މިހާރަށް ވެސް އެމަނިކުފާނަށް މިނިމަމްވޭޖު ކަނޑައެޅިދާނެ ކަމަށެވެ.
ނަމަވެސް އެއީ ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވާތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ރައްޔިތުންގެ ބަހެއް ހޯދަން ބޭނުންވާ ކަމަށްވެސް ވިދާލުވިއެވެ.
އެހެންކަމުން އެ ރިޕޯޓްތައް ވަޒީރުންގެ މަޖިލީހަށް ގެންދެވުމަށްފަހު، އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުށަހަޅައި މިނިމަންވޭގު ކަނޑައަޅައި މާގިނަ ދުވަސްތަކެއް ނުކޮށް އެއަށް އަމަލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.