ޚަބަރު

އޯއައިސީ ހެލްތު މިނިސްޓަރުންގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި

މަރިޔަމް ޝަހުދާ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހެލްތު މިނިސްޓަރުންގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިމަހު 15 އިން 17 އަށް ޔޫއޭއީގައި ބޭއްވި އޯއައިސީ ހެލްތު މިނިސްޓަރުންގެ ހަތްވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން ރާއްޖޭގައި އޯއައިސީގެ ހެލްތު މިނިސްޓަރުންގެ އަށްވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ 2021 ގައެވެ.

މިއަދުގެ ނިޔަލަށް ޔޫއޭއީގައި ކުރިއަށްދިޔަ އޯއައިސީގެ ހަތްވަނަ ބައްދަލުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފައިވެއެވެ. ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެންޓިވެކްސިން ކެމްޕޭނާ ގުޅިގެން މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ މައްޗަށް އަލިއަޅުވާލައި، މެމްބަރު ގައުމުތަކުގެ ސަމާލުކަމަށް އެކަން ގެނައުމުގެ އިތުރުން އެކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ފަރާތުން ތައްޔާރުކުރި ރިސޮލިއުޝަން ހުށަހަޅުއްވައިފައެވެ.

އޯއައިސީގެ މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމަކީ "ކުއަލިޓީ އޮފް ލައިފް"، މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި މި ބައްދަލުވުމަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށް ކުރިއަށްގެންދާ ބައްދަލުވުންތަކެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން އޯއައިސީގެ ހެލްތު މިނިސްޓަރުންގެ ހަވަނަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސައުދީގައެވެ.