އިބްރާހިމް ޒަކީ
މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަނޑައަޅައި، ރައްްޔިތުންގެ މަޖިލީހުން ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ބިލު (އިންކަމް ޓެކްސް ނެގުމުގެ ބިލު) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެެވެ.
މި ގާނޫނުގައި ވާގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ 40،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށް ހިމަނައިގެންނެވެ. ނަމަވެސް މަޖިލީހުން ބިލު ފާސްކުރީ 60،000 އަށްވުރެ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށް ކަނޑައަޅައިގެންނެވެ.
މި ގާނޫނުގައި ކަނޑައަޅާފައިވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން އާމްދަަނީގެ 5.5 ޕަސެންޓު ޓެކުހުގެ ގޮތުގައި ނެގުމަށެވެ. އަދި 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީން އަށް ޕަސެންޓް، 150،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީން 12 ޕަސެންޓު އަދި 200،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން 15 ޕަސެންޓް ނެގުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި އިންކަމް ޓެކްސް ނަގައިގެން އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.