ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް (ކުރީގެ އުއްތަމަ ފަނޑިޔާރު) ހދ. ވައިކަރަދޫ ވައިޖެހޭގެ ވައިޖެހޭގެ އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް މިއަދު ފޮނުވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ގާނޫނު އިސްލާހު ކޮށްގެން ހަތް ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރި ފަހުން އެ ބެންޗު މިހާތަނަށް އަދި ފުރިހަމަވެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އެންމެ ފަހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ހުސްނުއް ސުއޫދާއި އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި އަހުމަދު މުއުތަސިމް އަދުނާނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ، އެބޭފުޅެއްގެ ނަން ރައީސުލް ޖުމްހޫރިއްޔާ ޖޭއެސްސީއަށް ފޮނުއްވުމުން، ޖޭއެސްސީގެ ލަފާގެ މަތިން ރައީސް އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން، މަޖިލީހުގެ ރުހުން ހޯއްދަވައިގެންނެވެ.
އެނަމެއް މަޖިލީހަށް ފޮނުވުމުން ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ، ބަލާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ. އެނަމަށް ރުހުން އޮތް ތޯބެލުމަށް މަޖިލީހުގައި ވޯޓަށް އަހާނީ ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށްފަހު، މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
އިންތިގާލީ ސުޕްރީމް ކޯޓުގައިވެސް ފާއިޒް ވަނީ ފަނޑިޔާރުކަން ކުރައްވައިފައެވެ.
އޭގެ ފަހުން ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލައި އެ ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ވެސް ފާއިޒް އެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން 2014 ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ފާއިޒް މަގާމުން ވަކި ކުރިއެވެ.