ފޮރިން މިނިސްޓްރީ

ރާއްޖޭގައި ޔޫއޭއީގެ އެމްބަސީއެއް ހެދުމަށް ހުޅުމާލެއިން ބިން ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ އެމްބަސީ ގާއިމު ކުރުމަށް ބިން ހަމަޖައްސައި، ޔޫއޭއީގެ އެމްބަސީ ހެދުމަށް ސަރުކާރުން ބިން ދޫކޮށްފިއެވެ.

ރާއްޖޭގައި ޔޫއޭއީގެ އެމްބަސީ ގާއިމު ކުރުމަށް ބިން ދޫކުރި ކަމުގެ ލިޔުން ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ސައީދު އަލްޝަމްސި އާއި ހަވާލުކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ފޮރިން މިނިސްޓްރީން ބުނީ ހުޅުމާލޭގައި ގާއިމު ކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދަކީ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކައް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އަދި އެމްބަސީތަކަށް ހާއްސަކޮށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ވަނީ އެހެން ގައުމުތަކުގައިވެސް ކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަޔަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދު ގާއިމު ކުރީ މާލެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށް ވުމުން، ކުރިއަށް އޮތްތާގައިވެސް ރާއްޖޭގައި އެހެން އިތުރު ގައުމުތަކުގެ އެމްބަސީތައް ހުޅުވާއިރު ކުރިމަތިވެދާނެ ޖާގައިގެ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން މާލޭގައި ޕާކް ކުރުމަށް ދިމާވާ ދަތިތައް ފަދަ ކަންކަމަށް ހައްލު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޔޫއޭއީ އަކީ ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބިން ދޫކުރި ފަސް ވަނަ ގައުމެވެ. މީގެ ކުރިން ލަންކާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާއަށް އެ ސަހަރައްދުން ބިން ހަމަޖައްސައިދީފައި ވެއެވެ.